ބޭރުގެ ހޮސްޕިޓަލުތަކަށް އާސަންދައިން 9.48 ބިލިއަން، އަމްރިތާއަށް އެކަނިވެސް 2 ބިލިއަން
ރާއްޖޭން ބޭރުގެ ހޮސްޕިޓަލުތަކުގެ ތެރެއިން އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށް ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދެން އޮންލައިން" އިން ވަނީ ރާއްޖޭން ބޭރުގެ ހޮސްޕިޓަލުތަކަށް އާސަންދައިން ކޮށްފައިވާ ހޭދައިގެ ތަފުސީލު ހޯދުމަށް އެދިފަ އެވެ.
އެ މައުލޫމާތު ހިއްސާކޮށް މިދިޔަ ހޮނިހިރު ދުވަހު އާސަންދައިން ފޮނުވި ޖަވާބުގައި ބުނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހަށް ރާއްޖެއިން ބޭރަށް އާސަންދައިން ބޭސް ފަރުވާގެ ކަންކަމަށް ޖުމްލަ 948،598،380ރ ހޭދަކޮށްފައިވާ ކަމަށެވެ.
އާސަންދައިގެ ހިދުމަތް ފޯރުކޮށްދެނީ ދިވެހިން އެންމެ ގިނައިން ބޭސްފަރުވާގެ ކަންކަމަށް ގޮސް އުޅޭ އިންޑިއާ އަދި ސްރީ ލަންކާއިންނެވެ. އިންޑިއާގެ 53 ހޮސްޕިޓަލަށް އަދި ލަންކާގެ 10 ހޮސްޕިޓަލަށް ކުރި ހޭދައިގެ ތަފުސީލު އާސައިންދައިން ހިއްސާކުރިއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށެވެ.
އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ:
- އަމްރިތާ ހޮސްޕިޓަލް: 259،795،975ރ
- އެންޔޫ ހޮސްޕިޓަލްސް (ވެސްޓް): 89،676،721ރ
- އެސްޓާ މެޑިސިޓީ: 87،432،025ރ
- މަނިޕަލް ހޮސްޕިޓަލް: 78،318،992ރ
- ކިމްސް ހޮސްޕިޓަލް: 71،811،980ރ
އާސަންދައިން އެންމެ ކުޑަ ހޭދައެއް ކުރީ:
- އާސިރި ހޮސްޕިޓަލް: 2،578ރ
- އެސްޓާ ޑީއެމް ހެލްތުކެއާ: 4،053ރ
- އަގަރްވާލްސް ހޮސްޕިޓަލް (މަދޫރާއީ): 4،626ރ
އިންޑިއާގެ ހޮސްޕިޓަލްތަކަށް 910,760,255ރ ހޭދަކޮށްފައިވާއިރު، ލަންކާގެ ހޮސްޕިޓަލްތަކަށް ހޭދަކުރި ކަމަށް އަދަދުތަކުން ދައްކަނީ 37,838,155ރ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ފަރުވާއަށް ހޯދާ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މިދިޔަ މަހު ވަނީ މެދުކަނޑާލާފަ އެވެ. ހިދުމަތް މެދުކަނޑާލުމާ ގުޅޭގޮތުން އެންސްޕާއިން ބުނީ އެ ހޮސްޕިޓަލުންދޭ ހިދުމަތް ކަނޑާލީ އަގުތައް ބޮޑުވުމުން ކަމަށެވެ. ހިދުމަތުގެ އަގުތައް ހެޔޮކުރަން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އާސަންދައިން ވަނީ ބުނެފަ އެވެ.