ރާއްޖޭގައި ހުތުބާ ދެއްވުމުގެ ދައުވަތު ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރަށް
އެ ދައުވަތު ނަޖުމުއަށް ދެއްވާފައިވަނީ އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓްރީތައް ބައިވެރިވާ ހާއްސަ ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުގަ އެވެ.
އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުސްތަފާ ބައްދަލުކުރައްވާ އެ ދައުވަތު ދެއްވާފައިވާ ކަމަށެވެ. އަދި މުސްތަފާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އިޒްރޭލުގެ ޔަހޫދީން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް ފަލަސްތީނަށް އެހީވުމުގެ ގޮތުން މި ސަރުކާރުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން އެކި އެކި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭހެން ފަންޑް ރައިސިން ހަރަކާތްތައްވެސް ކުރިއަށް ގެންދިޔަ އެވެ.ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ޓެލެތޯނަށް 19 މިލިއަން ލިބުނެވެ.
އޭގެ އިތުރުން ފަލަސްތީނަށް އެހީވުމަށް އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ 50،000 ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވެ އެވެ. އެއީ ކުރިން ދެމުން ގެންދިޔަ އެހީގެ އަދަދުގެ 10 ގުނަ އެވެ.
އެހެންނަމަވެސް ޔަހޫދީން އަތްގަދަ ކޮށްގެން އުޅޭ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު, އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން އެކަން ދިވެހި ސަރުކާރުން ކުށްވެރިނުކޮށް ދިގުލައިގެން ދިއުން ގިނަ ބަޔަކު ފާޑުކިޔެ އެވެ.