ހަންގަނޑު ރީއްޗަށް ބެހެއްޓުމަށާއި ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް މިވަރެއް ނެތް!
ދުނިޔެގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑު-19 އާއި ގުޅިގެން އެތައް ބަޔަކު ގޭގައި މަޑުކުރަން ޖެހުމުން ތިމާގެ ސިއްހަތަކީ ކިހާ މުހިންމު އެއްޗެއްކަން ވަރަށް ގިނަ މީހުނަށް ވިސްނެއެވެ. އެގޮތުން މިދުވަސްވަރުގެ ގޮތުން ދިފާއީ ނިޒާމު ވީހާވެސް ވަރުގަދަ ކުރުމަށް ގިނަ ބަޔަކު ބޭނުން ވާނެއެވެ.
“ ޓޫއިންވަން” ގެ މި ޕެކޭޖުން ތިމާގެ ހަންގަނޑު އޮމާން ކޮށްދީ ރީތި ކޮށްދިނުމާއި އެކު، ތިމާގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެއެވެ. އަދި ބަނޑުހައި ކަން ފިލުވާ ލުމަށްޓަކައި ވެސް ބޮޑުއެހީއެއް ވެދެއެވެ. “އީޒީ ކެރޮޓް-ޕަމްކިން” ސޫޕަކީ ތައްޔާރު ކޮށްލުމަށް މާގިނަ އިރުތަކެއް ނުނަގާ އަދި މާބުރަ މަސައްކަތްތަކެއް ވެސް ކުރަން ޖެހޭ ކާނާއެއް ނޫނެވެ.
“އީޒީ ކެރޮޓު-ޕަމްކިން” ސޫޕު ނަމަކަށް ކިޔާ މިސޫޕުގައި ކެރެޓާއި ބަރަބޯ ވެސް ހިމެނެއެވެ. އިންޑިއާގެ “ކޮސްމެޓިކް ޑާމަޓޮލޮޖިސްޓް” އެއް ކަމަށްވާ ޑރ. ނިކޭތާ ސޮނާވޭން ތައްޔާރު ކޮށްފައިވާ މި ސޫޕާއި ބެހޭ ގޮތުން ޑޮކްޓަރު ބުނީ މި ސޫޕުގެ ސަބަބުން އަވިން އަންނަ “ޔޫވީ” ލައިޓުން ތިމާގެ ހަންގަނޑު ސަލާމަތް ކޮށްދީ ހަންގަނޑު އޮމާންކޮށްދީ ރީތިކޮށްދޭ ކަމަށެވެ.
އަދި ކެރެޓާއި ބަރަބޯގައި، “ކެރޯޓުނޮއިޑްސް” ކިޔާ އެންޓިއޮަކްސިޑަންޓު އެކުލެވޭ ކަމަށާއި، މި އެންޓިއޮކްސިޑަންޓުގެ ސަބަބުން ތިމާގެ ހަންގަނޑު ރީތިވުމަށް ވަރަށް ބޮޑަށް އެހީވެދިނުމުގެ އިތުރުން، ތިމާގެ ދިފާއީ ނިޒާމް ވެސް ވަރުގަދަ ކޮށްދޭނެ ކަމަށް ޑރ. ނިކޭތާ ވަނީ ބުނެފައެވެ.
އީޒީ ކެރޮޓު-ޕަމްކިން ސޫޕު ތައްޔާރު ކުރުމަށް ބޭނުންވާނެ ސާމާނު
- 2 މޭޒުމަތީ ސަމްސާ ބަޓަރ
- 4-5 ލޮނުމެދު ޗިސްކޮށްލުމަށް ފަހުގައި
- 250 ގުރާމު ކެރެޓު ހަތަރެސް ކަނަށް ކޮށުމަށް ފަހު
- 250 ގުރާމު ބަރަބޯ ހަތަރެސް ކަނަށް ކޮށުމަށް ފަހު
- 2 ޖޯޑު ފެން
- ރަހަލާވަރަށް ލޮނު
- އަސޭމިރުސް
- ރީތި ކޮށްލަން ބޭނުނު ކުރާ ކުރީމް
އީޒީ ކެރޮޓު-ޕަމްކިން ސޫޕު ތައްޔާރު ކުރާނެ ގޮތް
ޗިސްކޮށްފައިވާ ލޮނުމެދާއި އެކު ބަޓަރ ރަނގަޅަށް ކައްކާލާށެވެ. ލޮނުމެދުތައް މެދު މިންވަރަކަށް ރަތްކުލަ އަރަންދެނެވެ. ހަމަ ފިޔާ ރަތްކުރާ ބީދައިންނެވެ. އެއަށްފަހު ކޮށާފައި ހުރި ބަރަބޯ އަދި ކެރެޓާއި އެކު ލޮނު ކޮޅެއް އެޅުމަށް ފަހު ރަނގަޅަށް މަޑުވަންދެން، 3 ނުވަތަ 5 މިނެޓު ވަންދެން ކައްކާލާށެވެ. ދެން 2 ޖޯޑު ފެން އެއަށް އެޅުމަށް ފަހު 5-6 މިނެޓު ވަންދެން މަތިޖެހުމަށް ފަހު ބަހައްޓާލާށެވެ. އަދި އެއަށް ފަހު ރަހަލާވަރަށް އަސޭމިރުސް ކޮޅެއް އަޅާލާށެވެ.
އެއަށް ފަހު މަޑުވެފައިވާ ކެރެޓާއި ބަރަބޯ އެއްކޮށް ޗިސްވަންދެން ގިރާލާށެވެ. ރަނގަޅަށް ގިރާލުމަށް ފަހު މިހާރު އެހުރީ ކާން ތައްޔާރަށެވެ.
މިދުވަސްވަރު ގޭގައި ހުރެގެން ތަފާތު ކަންކަން ކޮށްލުމުގެ ތެރެއިން މި ކާނާ ތައްޔަރު ކޮށްލެވިދާނެއެވެ. އެހާމެ ފަސޭހަ އަދި އެހާމެ އަވަސް ކަމެކެވެ. ސިއްޙަތަށް ފައިދާ ކުރާ ކާނާއެކެވެ.