Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އާއިލާއިން ތުހުމަތުކުރަނީ ބެންކޮކްގައި މުއާވިޔަތު މަރާލީ ކަމަށް!

އާއިލާއިން ތުހުމަތުކުރަނީ ބެންކޮކްގައި މުއާވިޔަތު މަރާލީ ކަމަށް!
ހޯމަ ދުވަހު ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ހޮޓަލެއްގެ ތެރެއިން މަރުވެފައިވާ އޮއްވާ ފެނުނު ދިވެހި ޒުވާނާ، މަރާލާފައިވާ ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފި އެވެ. މަރުވެފައި އޮންނަތާ އެއް ދުވަސް ފަހުން ހޮޓަލެއްގެ ތެރެއިން ތައިލެންޑު ފުލުހުންނަށް ފެނުނު މީހަކީ ތ. ތިމަރަފުށީ، ލުނބޯމާގެ، މުއާވިޔަތު މޫސާ (30އ) އެވެ. އެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން މުއާވިޔަތުގެ ހަށިގަނޑުގެ ޕޯސްޓު މޯޓަމް ވަނީ ހަދާފަ އެވެ. ޕޯސްޓު މޯޓަމް ރިޕޯޓް ލިބެން އަދި ތިން ހަފްތާ ނަގާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މުއާވިޔަތުގެ އާއިލާއަށް އަންގާފައިވެ އެވެ. ދެން" އާ ވާހަކަ ދެއްކި މުއާވިޔަތުގެ އާއިލާ މީހަކު ބުނީ، އާއިލާއިން އެދިގެން މޯޗަރީގައި ބާއްވާފައި އޮތް މުއާވިޔަތުގެ ހަށިގަނޑުގެ ތިން ފޮޓޯއެއް ބެންކޮކް ގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ހިއްސާކޮށްފައިވާ ކަމަށެވެ. އާއްމުކޮށް ޕޯސްޓުމޯޓަމް ހަދަނީ ހަށިގަނޑުގެ މެދުން ފަޅާލައިގެން ކަމަށްވާއިރު އާއިލާއިން ބުނީ ހިއްސާކުރި ފޮޓޯތަކުން މުއާވިޔަތުގެ ބައެއް ގުނަވަންތަކުގެ ބައިތައް ފެންނަން ނެތް ކަމަށެވެ. އަދި ތޫނު އެއްޗަކުން ހަމަލާދީފައިވާކަން ހިއްސާކުރި ފޮޓޯތަކުން ފެންނަ ކަމަށް އޭނާ ބުންޏެވެ.
"ޕޯސްޓުމޯޓަމް ހަދާފައި ވަޅުލާން ގެންދަންވެގެން ނަގާފައިވާ އެއް ފޮޓޯއިން ވައަތުގެ ފައެއް ނެތް... ތިން ވަނަ އަށް ހިއްސާކުރީ މޫނު ވަރަށް ކައިރިން ފެންނަ ފޮޓޯއެއް، އޭނާގެ މޫނުގައި ވަރަށް ތޫނު އެއްޗަކުން ހަމަލާދީފައިކަން ޒޫމްކޮށްލީމަ ފޮޓޯއިން އެނގޭ. އަދި ކަރުގައިވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ނިޝާން ހުރި. އެއީ ހަށިގަނޑު ގަނޑުވެގެން ވާނެ ގޮތެއް ނޫން"
އާއިލާއިން ބުނީ ފޫޅުން މަތީގެ ފޮޓޯއެއް ހިއްސާކުރަން މުއާވިޔަތުގެ މަންމަ ތަކުރާރުކޮށް އެދުމުން ވެސް ފޮރިން މިނިސްޓްރީން އެކަމާ ދެކޮޅު ހެދި ކަމަށެވެ. އަދި ފެންނަ ނިޝާންތަކަކީ ޕޯސްޓުމޯޓަމް ހެދުމުގެ ތެރޭގައި ލިބިފައިވާ ނިޝާންތަކެއް ކަމަށް ބުނި ކަމަށެވެ. "ފޮރިން މިނިސްޓްރީން އާއިލައަށް އެކަށީގެންވާ އެހީއެއް ނުވޭ" އެ މީހާ ބުންޏެވެ. "ބަޔަކު މުއާވިޔަތު ގެންދިޔައީ" އާއިލާއިން ގަބޫލުކުރާ ގޮތުގައި މުއާވިޔަތު އަކީ އެއްވެސް ވަޒީފާއަކަށް ގޮސް އުޅޭ މީހަކަށް ނުވާއިރު ރާއްޖެއިން ބޭރަށް އެހެން ބައެއްގެ އެހީއާ ނުލައި އޭނާ އަކަށް ނުދެވޭނެ އެވެ. މުއާވިޔަތު ބޭރަށްދާން އުޅޭކަން އާއިލާ އަށް އެނގުމުން އޭނާގެ ޕާސްޕޯޓު ފޮރުވުމުން ތައިލެންޑަށް ދިޔައީ ޕާސްޕޯޓު ގެއްލިއްޖެ ކަމަށް ބުނެ އާ ޕާސްޕޯޓެއް ހައްދައިގެންނެވެ. އެކަމަށް އާއިލާއިން ބާރުދެނީ ތައިލެންޑަށް ގޮސް މުއާވިޔަތު އާއިލާއިން ގުޅި ގުޅުމުގެ ތެރެއިންނެވެ. ވާހަކަ ދެއްކި މީހާ ބުނީ މުއާވިޔަތު ބެންކޮކްގައި ހުރެ އާއިލާއިން ކުރި ފޯނު ކޯލްގައި އޭނާ އުޅުނީ ބަޔަކާއި އެކު ކަމަށެވެ. "ހީވަނީ ތައިލެންޑް ދެ ފިރިހެނެއްހެން ފެނުނީ ކުރި ވީޑިއޯ ކޯލުން، އޭގައި މުއާވިޔަތު ކިޔާ އަޑު އިވޭ އެތަނުން ދަނީ ތުރުކީއަށޭ" އާއިލާގެ އެ މީހާ ބުންޏެވެ. މުއާވިޔަތު އަކީ ޑްރަގުގެ މައްސަލަތަކެއް އޮންނަ މީހެއް ކަމަށްވެ އެވެ. އާއިލާއިން އެވާހަކަ ދޮގެއް ނުކުރެ އެވެ. މުއާވިޔަތުގެ މަންމަ އާއި ބައްޕަ ބޭނުންވަނީ އޭނާ ތައިލެންޑަށް ގެންދިޔަ ބަޔަކު ހޯދައި ދޭށެވެ. އެހެންވެ ފުލުހުން ގާތުން އެކަމުގައި އާއިލާއިން އެދެ އެވެ. އަޅުގަނޑުމެން ބޭނުންވަނީ (މަންމަ، ބައްޕަ) އޭނާ އެތަނަށް ދިޔަގޮތެއް ބަލަން، މިތަނުން (ރާއްޖެ) އިން އޭނާ ބަލަން އެތަނަށް ކޮންމެވެސް ބަޔަކު ގެންގޮސްގެން އޭނަ ދާނީ" އާއިލާއިން ބުންޏެވެ. މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ އަދި ނުވެފަ އެވެ. މި މައްސަލާގައި ފޮރިން މިނިސްޓްރީއާ އެކި ފަހަރުމަތިން ސުވާލު ކުރުމުން ވެސް "މި ބަލަނީ" ކަމަށް ބުނެ އިތުރު މައުލޫމާތެއް ހިއްސާއެއް ކޮށްފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް