ހަންޏާމީދޫ ގެއެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި

އދ. ހަންޏާމީދޫ ގެއެއްގައި ރޭ އަލިފާން ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.
ހަންޏާމީދޫ ކައުންސިލުން "ދެން އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ އެއް ގޯއްޗެއްގައި ހުންނަ 'ރޯޝަނީގެ އާއި ދުވޭދާރު' ގޭގައި ރޯވި އަލިފާނުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
ނަމަވެސް ރޭ 9:15 ކަންހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނުއިރު ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ހަންޏާމީދޫ ކައުންސިލުން ބުނީ އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ޝޯޓެއްވެގެން ކަމަށެވެ. އަލިފާން ނިއްވާލެވިފައިވަނީ 10:30 ކަން ހާއިރު ކަމަށް ކައުންސިލުން ބުންޏެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.