މަގުތަކަކީ އަމާންތަނަކަށް ހަދަން ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރޭ: ނައިބު ރައީސް

މަގުތަކުގައި ހިނގާ ގާނޫނާއި ގަވައިދާ ހިލާފުކަންކަން ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި ބުރަ މަސައްކަތްތައްކުރަމުންދާ ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މުހައްމަދު ލަތީފް އެހެން ވިދާޅުވީ އިއްޔެ ފުވައްމުލަކު ސުކޫލުގައި ބޭއްވި 100 ވަނަ ޓްރެފިކް މޮނިޓާސް ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދިނުމަށް ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ ރާއްޖޭގެ މަގުތަކުގެ ރައްކާތެރިކަން ބެލެހެއްޓުމަށް އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވަނީ ރައްޔިތުން ފަރުދީ ޒިންމާ އަދާނުކުރުމުން ކަމަށްވެސް ވިދާޅުވި އެވެ. އެހެން ކަމުން ކޮންމެ ރައްޔިތެއްވެސް އެ ރައްޔިތެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވި އެވެ.
މީގެއިތުރުން ވިދާޅުވީ މިފަދަ ޕްރޮގްރާމުގެ ސަބަބުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކަށް ދަރިވަރުން އަހުލުވެރިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެއީ ހުލްގު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށް މުހިންމު ކަމެއް ކަމަށް ފެންނަ ކަމަށްވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ޓްރެފިކް މޮނިޓާސް ތަމްރީނު ޕްރޮގްރާމުގެ ނިމުން ފާހަގަކޮށްފައިވަނީ މުހައްމަދު ޖަމާލުއްދީނު ސްކޫލާއި ހާފިޒު އަހުމަދު ސްކޫލާއި ޏ. އަތޮޅު ތައުލީމީ މަރުކަޒު އަދި ފުވައްމުލަކު ސްކޫލުގަ އެވެ. އަދި އެ ރަސްމިއްޔާތުގެ ނިމުން ފާހަގަކުރެއްވި އިރު ނައިބު ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް "މާލެ ފަހި" ޕްރޮގްރާމް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.