ޚަބަރު

ފޭސް ދޭއްގެ ހުރިހާ ގޯއްޗެއް އޮކްޓޫބަރުގައި ހަވާލުކޮށް ނިމޭނެ: މިނިސްޓަރު

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހައުސިން މިނިސްޓަރު ހައިދަރު މިއަދުގެ މަޖިލީސް ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ/ފޮޓޯ: މަޖިލީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން ދޫކުރި ހުރިހާ ގޯއްޗެއް އޮކްޓޯބަރު މަހުގެ ނިޔަލަށް ހަވާލުކޮށް ނިމޭނެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިނިސްޓަރު އެހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަތޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން މާލޭގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނީ ކިހާ ހިސާބަކުންތޯ މެންބަރު ވަނީ ސުވާލުކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ފޭސް 2 އަދި 3 އިން ބައެއް ގޯތިތައް ދޫކޮށްފައި ހުރީ ކުންފުނިތަކުގެ މަސައްކަތްތަކަށް ސާމާނު ބަހައްޓާ ސައިޓުތަކުންނާއި ބައެއް މަގުތަކުންނާއި ގޯޅިތަކަށްވާ ގޮތަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެއިން ދޫކޮށްފައި ހުރި ބައެއް ގޯތިތައް ހުރީ ކަރަންޓް ނަރުތަކާއި ކަރަންޓް ފޮށިތައް އެ ގޯތިތަކުގެ ތެރެއަށް ވާގޮތަށް ކަމަށެވެ. އަދި ފޭސް 2 އިން ދޫކޮށްފައިވާ 1407 ގޯތީގެ ތެރެއިން މިހާތަނަށް 623 ގޯއްޗެއް އެ ގޯތިތަކުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ސަރުކާރުން ހުޅުމާލެ ފޭސް 3 އިން 699 ގޯތި ބެއްސެވީ ފަޅުން. މީހެއްގެ ނަން މައްޗަށް ފަޅުން ބައެއް ރަޖިސްޓްރީވާ ގޮތެއް އަދިއެއް ނޯވޭ" - ހައިދަރު

މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުން ހުޅުމާލެ ފޭސް 3 އިން ގޯތިތައް ދޫކޮށްފައި ހުރީ ޒިންމާދާރު ސަރުކާރަކުން އެކަން ކުރާނެ ގޮތަކަށް ނޫން ކަމަށެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ޒިންމާދާރު ކަމާއެކު އެ ގޯތި ހަވާލުކުރެއްވުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ 699 ގޯތި މި ސަރުކާރުން ބިން ހިއްކުމަށްފަހު ހަވާލުކުރާނެ ކަމަށާއި ފޭސް 3 އިން ބިން ހިއްކާ ގޯތި ދިނުމުގެ އަމަލީ މަސައްކަތް ގާތްގަނޑަކަށް ނޮވެންބަރު މަހުގައި ފެށޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!