މަޖިލީސް ހޫނުވެ އެމްޑީޕީ 4 މެންބަރެއްގެ ނަން އިއްވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ، އިދިކޮޅު އެމްޑީޕީގެ މެންބަރުން ރިޔާސަތާ ދެކޮޅަށް އަޑު އުފުލި 4 މެންބަރެއްގެ ނަން އިއްވައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރި ފްލެޓާއި ގޯއްޗާއި ގުޅޭ ގޮތުން ސުވާލުކުރުމަށް މިއަދުގެ ޖަލްސާއަށް ހައުސިން މިނިސްޓަރު ހައިދަރު ވަނީ ހާޒިރުކޮށްފަ އެވެ.
ޖަލްސާ ހޫނުވީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ)، ނިޒާމީ ނުކުތާއެއް ނަންގަވައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރި 4000 ފްލެޓް ލިސްޓު ރިވިއު ނުކުރަނީ ކީއްވެގެންތޯ އެހުމުން، ނެންނެވި ނިޒާމީ ނުކުތާ ބަލައިނުގަތުމަށް މަޖިލީހުގެ ރިޔާސަތުން ނިންމެވުމުންނެވެ.
"އިއްޒަތްތެރި މެންބަރު (ފިއްޓެ) އިށީންދެވަޑައިގަންނަވާ، އަޅުގަނޑު ތަކުރާރުކޮށް އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތަވާށޭ" މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އެހެން ވިދާޅުވުމުންވެސް ފިއްޓެ ވަނީ ނިޒާމީ ނުކުތައެއް ނަންގަވާ އެ ސުވާލު ތަކުރާރުކޮށްފަ އެވެ. ނިޒާމީ ނުކުތާ ބަލައިނުގަތުމުން ފިއްޓެ ވަނީ ޗެމްބަރު ކުރިމަތީގައި ރިޔާސަތާ ދެކޮޅަށް އަޑުއުފުލާފަ އެވެ.
އެެމްޑީޕީގެ އިތުރު މެންބަރުންވެސް ފިއްޓެއާ އެކު އަޑުއުފުލަން ފެށުމާއެކު ރިޔާސަތުން ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްއާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އާއި ކެޔޮދޫ ދާއިރާގެ މުހައްމަދު ނިއުޝާދު ގެ ނަން އިއްވާފަ އެވެ.
"އަޅުގަނޑު ނަން އިއްވި ބޭފުޅުން މަޖިލީހުން ނިކުމެވަޑައިގަންނަވަންދެން މަޖިލީސް މިހާ ހިސާބުން މެދުކަނޑާލާނަން" ރިޔާސަތުން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ދެން ޖަލްސާ ފަށާނީ 11 ޖަހާއިރު ކަމަށެވެ.