Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

9 ރަށެއްގައި ފެންބޮޑުވެއްޖެ

9 ރަށެއްގައި ފެންބޮޑުވެއްޖެ
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މިއަދު ބޯކޮށް ވާރޭވެހި 9 ރަށެއްގައި ފެންބޮޑުވެއްޖެ އެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) ގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ވިއްސާރާގައި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ކައިރިން ބަލަމުންދާ ކަމަށެވެ. އެގޮތުން މިއަދު ހަވީރު 6 އާ ހަމަޔަށް 9 ރަށަކުން ވައިގަދަވެގެންނާއި ފެންބޮޑުވެގެން ރިޕޯޓު ކޮށްފައިވާ ރަށްތަކުގެ ލިސްޓެއް އެންޑީއެމްއޭއިން ވަނީ ހިއްސާކޮށްފަ އެވެ. އެ ރަށްތަަކަކީ
  • ސ. މަރަދު
  • ސ. ފޭދޫ
  • ސ. ހިތަދޫ
  • ގއ. ދެއްވަދޫ،
  • ޅ. ނައިފަރު،
  • ޅ. ކުރެންދޫ،
  • ކުޅުދުއްފުށި ސިޓީ
  • ހއ. ބާރަށް
  • ހއ. ދިއްދޫ
އެންޑީއެމްއޭގެ ޗީފް އެކްޒެކްޓިވް ހިސާން ހަސަން "ދެން އޮންލައިން" އަށް ވިދާޅުވީ އެ ރަށްތަަކަކީ އާއްމުކޮށްވެސް ފެންބޮޑުވާ ރަށްތައް ކަމަށެވެ. ހިސާން ވިދާޅުވީ އެ ރަށްތަކުގެ ގަދަވަޔާ އެކު ބައެއް ގެތަކުގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. "އެއްވެސް އާއިލާއެއް ބަދަލުކުރަންޖެހޭ ފަދަ ހާލަތެއް އަދި ނެތް" އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް ވަގުތުތަކުގައި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ބަލައި މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހއ އިން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. https://twitter.com/MetMaldives/status/1822989025403429288 މިރޭ ދަންވަރު އެކެއް ޖެހުމާ ހަމަޔަށް ނެރެފައިވާ އެލާޓް ގައި ބުނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދެވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވެ އެވެ. މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވާތީވެ ރާއްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް