މާލޭ މަގުތަކުން ފެން ހިންދަން ސިފައިން ނިކުމެއްޖެ

މިއަދު މެންދުރުން ފެށިގެން ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދަން އެމްއެންޑީއެފުން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން 'އެކްސް' އިން ކުރި ޕޯސްޓެއްގައި ބުނީ ފެން ވަދެފައިވާ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ވަގުތު ފެން ހިންދުމުގެ މަސައްކަތް ކުރަމުންވެސްދާ ކަމަށެވެ. ފެން ހިންދުމުގައި މާލޭގެ 4 ސަރަހައްދެއްގައި ޓީމުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށް ސިފައިން މައުލޫމާތުދެ އެވެ. އެއީ، އައިޖީއެމްއެޗް ސަރަހައްދު، ވެސްޓު ޕާކްގެ އިތުރުން މަޖީދީމަގުގަ އެވެ.
ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އެހީވާން ފުލުހުންވެސް ދަނީ މާލޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންނެވެ، އޭގެ ތެރޭގައި ސްކޫލު ސަރަހައްދުތައް ވެސް ހިމެނެ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 9 ރަށަކުން ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވެ އެވެ. އެންމެ ބޮޑަށް ފެނުގެ އަސަރުކޮށްފައިވަނީ ހއ އަތޮޅުގެ ރަށްތަކަށެވެ. ކައުންސިލު މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހއ. ހޯރަފުއްޓަށެވެ.