ވިލާ ގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
"ދެން" އަށް މައުލޫމާތު ދެމުން މެޓުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް 24 ގަޑިއިރު ތެރޭގައި ވާރޭވެހޭނެ ކަމަށެވެ. ނަމަވެސް އެއްވެސް ހިސާބަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އަދި ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ ރަށްތަކަށް ކަމަށްވެސް މެޓުން ބުންޏެވެ.
"ވައި ގަދަވާނެކަމަށް ލަފާކުރެވެނީ އުތުރުން 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނެއްގައި" މެޓުން ބުންޏެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫސުން ގޯސްވުމާ ގުޅިގެން ހއ.އަތޮޅުން ފެށިގެން އދ.އަތޮޅަށް އަދި ޔެލޯ އެލާޓް ނެރެފަ އެވެ.
އަދި އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖެއަށް ހުއްޓާނުލައި ކުރަމުންދާ ވިއްސާރާގައި އިތުރު 20 ރަށެއް ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން އިއްޔެ ބުންޏެވެ. އަދި ފެން ބޮޑުވި ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނައީ ހއ. އަތޮޅުގެ ރަށްތަކެވެ.
އެއީ މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން 12 ރަށުގައި ފެން ބޮޑުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ހއ އަތޮޅުން ފެން ބޮޑު ވެގެން އިއްޔެގައި ރިޕޯޓް ކޮށްފައި ނެތީ އެ އަތޮޅު ވެރިރަށް ދިއްދޫންނާއި ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުން އެކަންޏެވެ. އަދި ދިއްދޫގައި ފެން ބޮޑުވެގެން ހޯމަ ދުވަހުގައި ވަނީ ރިޕޯޓް ކޮށްފައެވެ.