އިންޑިއާގެ ލޯނު އެހީން 300 މިލިއަން ޑޮލަރު ސަލާމަތްކޮށް، މި އަހަރު އިތުރު 4،000 ފްލެޓް އަޅަނީ
އިންޑިއާގެ ލޯނު އެހީން 300 މިލިއަން ޑޮލަރު ސަލާމަތްކޮށް، އިތުރު 4،000 ހައުސިން ޔުނިޓު މި އަހަރުގެ ތެރޭގައި އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަފީގު ވިދާޅުވީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަކީ އަދުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަަމަށެވެ. ހިނގަމުންދާ ދައުރު ނިމެންވާއިރަށް ގެދޮރުގެ ދަތިކަން ދިމާވެފައިވާ މީހުންނަށް "ޓޯޓަލް ސޮލިއުޝަން" އެއް ހޯދައިދެވޭނެ ކަމަށެވެ.
ރާއްޖޭގެ އިޖުތިމާއީ ހުރިހާ މައްސަލަތަކެއްގެ "ރޫޓް ކޯސް" ގެދޮރުގެ ދަތިކަމުގެ މައްސަލަ ކަމަށެވެ. އިޖުތިމާއީ މައްސަލަތަކުގެ އަސްލަކަށް ވެފައި މި އޮންނަނީ ގެދޮރުގެ މައްސަލަކަން ފާހަގަކުރެއްވި އެވެ. ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅިފައި ވަނީ އެކަމަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައި ވަނީ މި އަހަރުގެ ބަޖެޓު ހެދޭއިރު ވެސް ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ 50 ޕަސެންޓް ހާއްސަ ކުރުމަށް ގެދޮރަށް،" ޝަފީގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ހާއްސަ އިސްކަމެއް ދެއްވާތީ ބޭނުން ވަނީ ވީހާވެސް އަވަހަކަށް ގެދޮރުވެރިކަމުގެ މަޝްރޫއުތައް ފަށައި މައްސަލައަށް ހައްލު ހޯދުމަށް ކަމުގަ އެވެ. އެގޮތުން މިހާރު ލިބިފައި ހުރި "ފައިނޭންސިން ފެސިލިޓީތައް ވަރަށް ބޮޑަށް ހައުސިންއަށް ޓާގެޓްކޮށްގެން ކުރިއަށް ގެންދިއުމަށް،" މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގެދޮރުވެރި ކުރުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރު ތަފުސީލެއް ދެއްވަމުން ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްދާ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން މި އަހަރުގެ ތެރޭގައި 4،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ. ފާހަގަކުރެއްވީ އެއީ ވަރަށް ރަނގަޅު ޓާމެއްގައި ލިބިފައި އޮތް ފެސިލިޓީއެއް ކަމަށެވެ.
"ގާތްގަނޑަކަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި 300 މިލިއަން ޑޮލަރާ ކައިރިކުރާ އަދަދެއް އަޅުގަނޑުމެންނަށް އެވެއިލަބަލް ކުރެވޭނެ ހައުސިންއަށް. އެގޮތަށް މަސައްކަތް ކުރަނީ،" އެލްއޯސީން ހައުސިންއަށް ބޭނުން ކުރާނެ އަދަދާ ގުޅޭގޮތުން ވިދާޅުވި އެވެ.
ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ނެގޭ ފެސިލިޓީތަކަކީ ރަނގަޅު ޓާމްތަކުގައި ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށް ނެގޭ ފެސިލިޓީތަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.