މީހުން ލައިފްސްޓައިލް

އާއިލާގެ އިތުބާރު ހޯދައިފި, މަދަދާގެ އެންމެ ބޮޑު ފޭންއަކީ މަންމަ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އުމުރުން އެންމެ 16 އަހަރުގައި ބެލެނިވެރިޔާގެ ލިޔުމަކާއިއެކު ނޫސްވެރިކަމުގެ މަސައްކަތަށް ނިކުތް ފާތިމަތު މަދަދާ އަކީ މިހާރު އެންމެން ދަންނަ މޫނެކެވެ. ސަންގު ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މަދަދާ ބުނި ގޮތުގައި ނޫސްވެރިކަމަށް އޭނާގެ ޝައުގުވެރިކަން އުފެދިގެން އައީ ކުޑައިރު ޓީވީ ބަލަމުން ދިޔައިރު އެކި ޕްރޮގުރާމުތަކާއި ހަބަރުތައް ފެނިގެންނެވެ.

Ads by STELCO

“ދެން ތަންކޮޅެއް އަނގަ ގަދަކޮށް މިހެން ވާހަކަ ދައްކާފަ އެހެން އުޅޭތީ މީހުން ބުނާނެ ދެން ހަބަރު ކިޔަންށޭ ދާންވީ”

ސްކޫލުގަ އުޅުނުއިރު ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވުމާއި އެސެމްބްލީގައި ވާހަކަ ދެއްކުންފަދަ ކަންކަމަކީ މަދަދާ ވަރަށް ކުރާ ހިތްވާ ކަންކަމެވެ. އެހެންވެ އޭނާ ބޭނުންވީ ސްކޫލު ނިމުމާއިއެކު އޭނާގެ ހުނަރު އެންމެންނަށް ދައްކައިލާށެވެ.

އަގު އުމުރުގައި ސަންގުޓީވީއަށް ނިކުތުން ރިގްރެޓެއް ނުކުރޭ

އޯލެވެލް އިމްތިހާނުގެ ނަތީޖާވެސް ނުލިބެނީސް މަތީ ތައުލީމަށް ނުގޮސް ނޫސްވެރިއެއްގެ ގޮތުގައި ސަންގު ޓީވީގައި މަސައްކަތް ކުރަން ފެށުން މަދަދާ ރިގްރެޓެއް ނުކުރެ އެވެ. އޭނާ ބުނާ ގޮތުގައި އެނިންމުމަކީ ރަނގަޅު ނިންމުމެކެވެ.

“އޭރުގަ ހިއެއް ނުކުރަން ލައިފްއަށް މިހާ ބޮޑު އިމްޕެކްޓެއް އައިސްދާނެ ކަމަކަށް”

މަދަދާގެ ހުނަރު އިތުރަށް ކުރިއަރުވަން އޭރުގެ މެނޭޖުމެންޓުން ވަރަށް ބޮޑު އެއްބާރުލުމެއް ދިނެވެ. އަހަރެއްހާ ދުވަހުގެ ތެރޭގައި ސަންގު ޓީވީގެ އެންމެ މޮޅު ސްޓާފްގެ އެވޯޑު މަދަދާއަށް ލިބުނެވެ. އޭނާ ބުނީ އެއީ އުއްމީދުވެސް ކުރި ކަމެއް ނޫންކަމަށެވެ. އެއީ މެނޭޖުމެންޓާއި ސަންގު ޓީވީގެ ސްޓާފުންގެ ވަރަށް ބުރަ މަސައްކަތް ކަމަށާއި މީހާ މީހަކަށް ހަދައިދިނުމަށް ސްޓޭޝަނުން ކުރާ މަސައްކަތް މަދަދާ ބަލައިގަނެ އެވެ.

ނޫސްވެރިކަމުން ކުރިއަށް ދިޔުމަށް މަދަދާ ކުރާ އުއްމީދު ބޮޑު

ނޫސްވެރިކަމަކީ މުސްތަގުބަލެއް އޮތް ކަމެއް

މަދަދާ ދެކޭ ގޮތުގައި ހިތްވަރާއިއެކު މަސައްކަތް ކޮށްފިނަމަ ނޫސްވެރިކަމަކީ މުސްތަގުބަލެއް އޮތް ކަމެކެވެ. ގިނަ ކުދިން ނޫސްވެރިކަމަށް ނިކުންނައިރު އެކުދިންނަކީ ކިޔަވާ ކުދިން ކަމަށާއި އެހެންކަމުން ދެކަމަށްވެސް ވަގުތު ދީގެން ބުރަކޮށް މަސައްކަތް ކުރުން ވަރަށް މުހިންމުކަމަށް މަދަދާ ދެކެ އެވެ.

ނޫސްވެރިކަމަކީ ފަސޭހަ މަސައްކަތަކުން ބޮޑު މުސާރަ ލިބޭ ކަމެއްކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެހެންނަމަވެސް މަދަދާ ބުނީ ބޮޑު މުސާރައަކާއި ހަމައަށް ދާން ވަރަށް ބުރަ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ލުއި މަސައްކަތަކުން ކިރިޔާ ދެކޮޅު ޖެއްސޭވަރުގެ މުސާރައެއް ލިބޭތީ ބައެއް ކުދިން މިމަސައްކަތް މަތިން ފޫހިވާގޮތްވެސް ވެ އެވެ. އެހެންކަމުން ނޫސްވެރިކަމުން މުސްތަގުބަލެއް ހޯދޭނީ ވަރަށް ބޮޑު އެފޯޓެއް ލައިގެންކަމަށް މަދަދާ ބުނެ އެވެ.

ކުރިއަށް ދާން ބޭނުމީވެސް ނޫސްވެރިއެއްގެ ގޮތުގައި

މަދަދާއަކީ އިންފޮމޭޝަން ޓެކްނޮލޮޖީ ކިޔަވަމުންދާ ދަރިވަރެކެވެ. އެހެންނަމަވެސް އޭނާ ކުރިއަށް ދާން ބޭނުންވަނީ ނޫސްވެރިކަމުގެ ދާއިރާއިންނެވެ.

މިދިޔަ ތަނުގައި މަދަދާ ވަނީ އިންތިހާބުތަކާއި ދިމާކޮށް ކެމްޕެއިންތައް ކަވާ ކުރުމަށް ރަށްރަށަށް ގޮސްފަ އެވެ. މުޒާހަރާތަކާއި އެނޫންވެސް ހަރަކާތްތައް މަދަދާ ވަނީ ރިޕޯޓުކޮށްފަ އެވެ. މިތަޖުރިބާއާއިއެކުވެސް މަދަދާ ދެކެނީ އަދި ނޫސްވެރިކަމުގައި ކުރިއަށް ދާން ވަރަށް ބޮޑުތަން އެބަ އޮތް ކަމަށެވެ. އޭނާ ބޭނުންވަނީ އިތުރު ތަޖުރިބާ އާއިއެކު މިހާރު ރާއްޖޭގައި ތިބި އެންމެ މޮޅެތި ނޫސްވެރިންނާ ހިސާބަށް ދާށެވެ.

“ނޫސްވެރިކަން މަދަދާ ދެކޭ ގޮތުގަ ދަސްވާނީ އެކްސްޕީރިއެންސް ކޮށްގެން, ކިޔަވާ ކިޔަވުމަކަށްވުރެއް”

މުސްތަގުބަލުގައި މަދަދާ އިތުރަށް ކިޔަވަން ބޭނުންވެ އެވެ. ގާނޫނީ ދާއިރާފަދަ ދާއިރާއަކުން ކުރިއަށް ދާން މަދަދާގެ އަޒުމު އެބަ އޮތެވެ.

ސަންގު ޓީވީއާ ގުޅެން ނިންމި ނިންމުމާއިމެދު މަދަދާ ހުރީ ވަރަށް ހިތްހަމަޖެހިފައި

ކުޑައިރުއްސުރެއް އެންމެ ޝައުގުވެރިވަނީ ސިޔާސީ ކަންކަމަށް

ސްކޫލުގައި އުޅުނު ދުވަސްވަރު “ބޮޑުވެގެން ކާކަށްހޭ ވާނީ” އަހާލުމުން އެކި ފަހަރު އެކި ޖަވާބު ދެވިފައި ހުންނާނެކަމަށް މަދަދާ ބުނެ އެވެ. ފެޝަން ޑިޒައިނަރަކަށް ނޫނީ މޭކަޕް އާޓިސްޓަކަށް ވާންވެސް ޝައުގުވެރިކަން ހުރި ކަމަށް އޭނާ ބުނެ އެވެ. އެހެންނަމަވެސް އަބަދުވެސް އެއް ކަމަކަށް މަދަދާ ވަރަށް ޝައުގުވެރި ވެއެވެ. އެއީ ސިޔާސީ ދާއިރާ އެވެ.

“ކޮންމެހެން ސިޔާސީ މީހަކަށް ވާން ބޭނުމެކޭއެއް ނޫން. އެހެންނަމަވެސް ސިޔާސީ މީހުންގެ ބަސް ކަންނޭނގެ މިއަދު އިވެނީ”

މަދަދާގެ ބޮޑު ޝައުގެއް ހުރީ އަޑެއް ނެތް މީހުންގެ އަޑަކަށް ވާށެވެ. ހައްގުތައް ގެއްލިފައިވާ މީހުންގެ ހައްގުތައް ހޯދައިދޭން ވަކާލާތު ކުރާށެވެ. ފޮރުވިގެން ހުންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ މީހުންގެ ތެރެއަށް ނިކުމެ މީހުންނަށް މަސައްކަތްތަކެއް ކޮށްދޭށެވެ.

ނޫސްވެރިކަމުގެ މަސައްކަތުގެ ތެރޭގައި މަދަދާ އެންމެ ރިޕޯޓުކުރަން ބޭނުންވަނީވެސް ސިޔާސީ މަސްރަހުގެ ކަންކަމެވެ. ސިޔާސީ މީހުން ސުލްހަވެރިވުމާއި, އެމިހުންގެ މެދުގައި އުފެދޭ ހިޔާލު ތަފާތުވުންތަކާއި, މުޒާހަރާތަކަކީ މަދަދާ އެންމެ ބޮޑު ޝައުގުވެރިކަމެއް ދީގެން ލިޔެ ރިޕޯޓު ކުރާ ކަންކަމެވެ. އެހެންނަމަވެސް އިޖުތިމާއީ ބައެއް ބޮޑެތި މައްސަލަތައްވެސް މަދަދާ ވަނީ ރިޕޯޓުކޮށްފަ އެވެ.

ސީނިއާ ނޫސްވެރިންގެ ކިބައިން މިސާލު ނަގަން

މަދަދާ މަސައްކަތް ފެށިއިރު ސީދާ ވަކި މީހަކު އައިޑޮލްއެއްގެ ގޮތުގައި ނުބަލަ އެވެ. އެހެންނަމަވެސް އޭނާ މިސާލު ނަގާ އެތައް ސީނިއާ ނޫސްވެރިއަކު އެބަ ތިއްބެވެ. އެންމެ ފުރަތަމަ ސަންގު ޓީވީއާއި ގުޅުނުއިރުއްސުރެއް ޝިފްލާ އިބްރާހިމް, ހީނާ ވަލީދު, ޝިފްޒާ މުސްތަފާ އަދި މަރިޔަމް ވަހީދާ ފަދަ ތަޖުރިބާ ހުރި ނޫސްވެރިންގެ މަސައްކަތްތަކަށް ވަރަށް އިހުތިރާމު ކުރެ އެވެ. މީގެ ތެރެއިންވެސް ޝިފްޒާގެ ނަން މަދަދާ ފާހަގަކުރެ އެވެ. ޝިފްޒާ މަސައްކަތަށް ހުންނަ ޝައުގުވެރިކަމާއި އަހުލާގު އޭނާއަށް ވަރަށް ކަމުދެ އެވެ. 

މަދަދާގެ ނޫސްވެރިކަމުގެ ހަޔާތުގައި ސަންގު ޓީވީގެ ނޫސްވެރިޔާ މާތުގެ ފަރާތުން ލިބުނު އެއްބާރުލުންވެސް އޭނާ ފާޙަގަކުރެ އެވެ. އޭނާ ބުނާ ގޮތުން މާތުގެ ވަރަށް ބޮޑު ސަޕޯޓެއް އޭނާއަށް މިދިޔަ ތަނުގައިވެސް އަދި މިހާރުވެސް ލިބެ އެވެ.

ސަންގު ޓީވީގެ ޒުވާން ނޫސްވެރިޔާ ފާތިމަތު މަދަދާ

ފުރަތަމަ އާއިލާ ޖެހިލުންވި, އެކަމަކު މިހާރު ވަރަށް ސަޕޯޓިވް

އުމުރުން 18 އަހަރުވެސް ނުވަނީސް އަންހެން ކުއްޖަކު ނޫސްވެރިއެއްގެ ގޮތުގައި ކެމެރާ ކުރިމައްޗަށް ނިކުންނަން ނިންމުމުން މަދަދާގެ އާއިލާ ކޮންމެވެސް ވަރަކަށް ޖެހިލުންވި އެވެ.

“ދެން އަންހެން ކުއްޖެއް, ކުޑަކުއްޖެއް ނިކުމެގެން ނޫސްވެރިކަން ކުރަން, އެންމެ ފުރަތަމަ ވަރަށް ކޮންވިންސް ކޮށްގެން ވިސްނަދީގެން ޕޭރެންޓް އެޕްރޫވަލް ލެޓާގަވެސް ސޮއި ކުރުވީ”

އެހެންނަމަވެސް އާއިލާގެ މި ކަންބޮޑުވުން ދެ މަހެއްހާ ދުވަހުގެ ތެރޭގައި މަދަދާ ދުރުކޮށްދިނެވެ. އޭނާ ޓީވީން ފެންނަން ފެށުމުން އެތައް ބަޔަކު ތައުރީފު ކުރި އެވެ. އާއިލާއާ ހަމައަށް މި ވާހަކަތައް ދިޔުމުން އެމީހުން ފަހުރުވެރިވެސް ވި އެވެ. މިއަދު މަދަދާގެ އާއިލާއަކީ މަދަދާގެ ނޫސްވެރިކަމުގެ މަސައްކަތަށް އެންމެ ބޮޑު ސަޕޯޓެވެ. ކޮންމެ މަސައްކަތެއްގައިވެސް އެއްބާރުލުން ދެ އެވެ.

“މަންމަ އެއީ ނަމްބަރ ވަން ފޭން… މިތާ އިންނައިރުވެސް ގުޅާނެ އިރުކޮޅަކުން ކޮބައިތޯ ކިހިނެއްތޯ ދިޔައީ އަހަން”

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!