ޚަބަރު

ޑްރަގުން ސަލާމަތްވާން ފަރުވާ ފުރިހަމަކުރި މީހުންގެ އަގު ވަޒަންކޮށްފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޑްރަގުން ސަލާމަތްވި މީހުންގެ އަގުވަޒަންކުރަން ބޭއްވި ހަފްލާގެ ތެރެއިން/ ފޮޓޯ: ޑްރަގް ކޯޓު

މިދިޔަ އަހަރު ޑްރަގް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ކާމިޔާބުކަމާއެކު ފަރުވާގެ ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި އެ ކޯޓުން ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

Ads by STELCO

އެ ހަފްލާ ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސޮލައިޓު ރެސްޓޯރަންޓުގެ މާލަމުގަ އެވެ.

އެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ނޭޝަނަލް ޑްރަގް އޭޖެންސީ ބޯޑްގެ ޗެއާމަން އަދި ހޯމް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން ވަނީ ޑްރަގް ކޯޓުން އެ ހަފްލާ ބާއްވާ, ފަރުވާގެ ކަންކަމުގައި ނަމޫނާ ދެއްކެވީތީ އެކަން ފާހަގަކުރައްވާފަ އެވެ.

ފަރުވާގެ ޕްރޮގްރާމުތައް ނިންމާ މުޖުތަމައަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދަން ސަރުކާރުގެ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ލުބްނާ އެދިވަޑައިގެންނެވި އެވެ.

ލުބުނާ ވަނީ ފަރުވާ ހޯދާ ފަރާތްތަކަށް މުޖުތަމައުގެ އެހީތެރިކަން ލިބިދިނުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވާފަ އެވެ.

އެ ހަފްލާގައި ޑްރަގް ކޯޓުގެ އިސް ގާޒީ އަބްދުއްސައްތާރު އަބްދުލްހަމީދު ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކުން އެކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"އެކަމުގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ހުރަސްކޮށް, އަލުން މުޖުތަމައުއަށް ޒިންމާދާރު ގޮތެއްގައި ނުކުތުމަށް ގަދަ އަޅާ މަސައްކަތް ކުރާ ފަރާތްތަކަށް ހުރިހާ ފަރާތަކުން ވެސް ހިތްވަރު ދޭން ޖެހޭ"

ގާޒީ ވިދާޅުވީ ޑްރަގް ކޯޓުން ފަރުވާއަށް އަމުރު ކުރި ކަމުގައި ވިޔަސް ފަރުވާދޭން ތިބި ކައުންސިލަރުންނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް މަދުވުމުން ބައެއް ފަހަރު ފަރުވާ ނުފެށި ލަސްވަމުންދާ ކަމަށެވެ. އަދިއެފަދަ ކަންކަމަށް ހައްލު ލިބި, ފަރުވާގެ ކަންކަން އަވަހަށް ފެށި ޕްރޮގުރާމުތައް ނިމިގެން ދިއުމަކީ މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަރުވާ ފުރިހަމަކުރި ފަރާތްތަކުގެ ފަރާތުން އެ ހަފުލާގައި ވާހަކަ ދެއްކި މީހަކު ވަނީ މަސްތުވާތަކެއްޗަށް ދެވިހިފުމުން އޭނާގެ ހަޔާތަށް ލިބުނު އަނދިރިކަމާއި ފަރުވާގެ ސަބަބުން އައިސްފައިވާ ހެޔޮ ބަދަލާއި މަސްތުން ދުރުވުމަށް ކުރާ ހިތްވަރު ފާހަގަކޮށްފަ އެވެ.

ވޭތުވެދިޔަ އަހަރު އެ ކޯޓުން 586 މީހެއްގެ މައްޗަށް ފަރުވާއަށް އަމުރުކޮށްފައިވެ އެވެ. އަދި 419 ފަރާތެއް އެ އަަހަރު ފަރުވާ ފުރިހަމަކޮށްފައިވެ އެވެ. އެހެންނަމަވެސް ފަރުވާގެ އަމުރާ ހިލާފުވެގެން މިދިޔަ އަހަރުގެ ތެރޭގައި 173 ފަރާތެއް ފަރުވާއިން ވަކިކޮށް, ހުކުމް ތަންފީޒުކުރުމަށް އަމުުރުކޮށްފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!