ބިދޭސީއެއްގެ ގައިގައި ކަޓަރު އަޅައި ފޭރުނު މީހާ ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ގެއަކަށް ވަދެ އަންހެނެއް ގައިގައި ކަޓަރު އަޅައި, ފައިސާ ފޭރިގަތް މައްސަލާގައި މީހަކު ހައްޔަރުކޮށް އެ މިހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ކޯޓު އަމުރުގެ ދަށުން އެ މައްސަލާގައި ހައްޔަރުކުރީ ގދ. ތިނަދޫ, ސްކޫނަ އަލީ ޝައްމާހު ވަހީދު (29އ) އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ އެކަމެއް ހިނގީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. ހަމަލާދީފައިވަނީ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުސް އޮފީހަށް ރިޕޯޓްކޮށްފަ އެއް ނުވެ އެވެ. ފުލުހުންގެ ސަމާލުކަމަށް މައްސަލަ ގެނައި ފޭސްބުކްގައި މީހަކު އާއްމުކޮށްފައިވާ ޕޯސްޓެއް މެދުވެރިކޮށް ނޫސްވެރިއެކެވެ.
އެ ޕޯސްޓު އާއްމުކުރި މީހާ ވަނީ ބިދޭސީ މީހާ އަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެނެއްގެ ފޮޓޯވެސް އެ ޕޯސްޓުގައި ހިއްސާކޮށްފައިވެ އެވެ.