އިންޑިއާ އަކީ މުހިންމު ގައުމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫ ނާރާނަމަ ކޮންމެ ގައުމަކީވެސް އެހާމެ މުހިންމު ގައުމެއްކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ދެން އޮންލައިންގެ ޕޮޑްކާސްޓު "ހަވާސާއިން ބޭރުން" ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. އިންޑިއާއަކީ ދިވެހިންނާ އަވައްޓެރި އަދި އެހާމެ ގާތް ގުޅުމެއް ޒަމާނުއްސުރެއް ބާއްވަމުން އައި ގައުމެއްކަމަށް ފައިސަލް ވިދާޅުވި އެވެ. އިންޑިއާއެކޭ އެއްގޮތަށް ޗައިނާ ފަދަ ގައުމުތަކަކީވެސް ރާއްޖެއަށް އެތައް އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ގުޅުން ރަނގަޅު ގައުމުތަކެއްކަމަށް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޒުވާނުން މީގެ ކުރިން އުއްމީދުވެސް ނުކުރާނެ ހުޅުމާލެއަށް ސައިކަލުގަ ދުއްވާލާފަ ނުވަތަ ކާރުގަ ދާނެކަމަށް. އެހެންނަމަވެސް ޗައިނާ ސަރުކާރުގެ ވަރަށް ދީލަތި އެހީތެރިކަމާއެކީގަ ބްރިޖު އެޅިފަ އެއޮތީ"
މިގޮތަށް އެކި ގައުމުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފައިސަލް ފާހަގަކުރެއްވި އެވެ. އެހެންކަމުން އޭނާ ވިދާޅުވީ ކޮންމެ ގައުމަކީވެސް އެހާމެ މުހިންމު ގައުމެއް ކަމަށެވެ.
ދިވެހި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތު ފެށުނީއްސުރެއްވެސް އޮތީ އެއްގޮތަކަށްކަމަށް ހުދު ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ދާދި ފަހުން ވިދާޅުވިކަމަށް ވަޒީރު ވިދާޅުވި އެވެ. މި ސިޔާސަތަށް އަދިވެސް ބަދަލު ނާންނަކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"އިދިކޮޅުގަ ތިބޭއިރު ދެން އަބަދުވެސް ކޮންމެވެސް ވާހަކައެއް ދައްކަންވާނެ."
ފައިސަލް ގޮވައިލެއްވީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ޒިންމާދާރުވެވަޑައިގަންނަވާށެވެ. ރާއްޖެއަށް ނިކަމެތިކަން ގެނުވައިފާނެ އެއްވެސް ވާހަކައެއް އެއްވެސް ބޭފުޅަކު ނުދެއްކެވުމަށް ފައިސަލް އެދިވަޑައިގެންނެވި އެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރަން އެމްޑީޕީ އިދިކޮޅުގައި އޮވެ ގޮވައިލިކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެފަދަ ކަމެއް ރައީސް މުއިއްޒު ނުވަތަ ޕީޕީއެމް ޕީއެންސީ ފިކުރުގެ ބޭފުޅުން ކުރައްވާފައި ނުވާނެ ކަމަށެވެ.
"ތި ސުވާލަށް މާ ތަފްސީލުކޮށް ވާހަކަ ދައްކާކަށް ނެތިން. އެއަށްވުރެއް އިންޑިއާ މާ މުހިންމު. އަދި ދިވެހިރާއްޖޭގެ މިނިވަންކަން ކޮމްޕްރޮމައިޒް ނުވާގޮތަށް އެހެން ގައުމުތައްވެސް މުހިންމު"
ފައިސަލް ވިދާޅުވީ އިންޑިއާއިން ރައީސް މުއިއްޒުގެ ސަރުކާރު ސައިޒު ކުރީކަމަށް ބުނިނަމަވެސް މިއީ ސަރުކާރު ސައިޒު ކުރުން ނޫން ކަމަށެވެ. ރައީސް މުއިއްޒު ސަރުކާރާއި ހަވާލުވެވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމީ ފިކުރުގައި، އެހެން ގައުމުތަކާވެސް ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.