ޚަބަރު ސަރުކާރު

ބައި އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވާގޮތަށް ގާނޫނު ތަސްދީގުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައިސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

Ads by Hajj Corporation

މިހާތަނަށް އައިއިރު އިލެކްޝަންސް ކޮމިޝަން، އީސީން ބައި އިލެކްޝަންތައް ބާއްވަމުން އައިސްފައިވަނީ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގަ އެވެ. ކުރިން އީސީގެ މައްޗަށް ގާނޫނު ލާޒިމް ކޮށްފައި އޮންނަ ގޮތުން އަހަރަކު އެތައް އިންތިހާބެއް ބާއްވަން ދައުލަތުން ބޮޑު ހަރަދުތަކެއް ކުރަން ޖެހެ އެވެ.

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނަސްފައިވާ އިސްލާހާއިއެކު ދެން ބައި އިލެކްޝަން ބާއްވަން ޖެހޭނީ ކޮންމެ ހަ މަހަކުން އެއް ފަހަރެވެ. އެހެންކަމުން ދެން ބައި އިލެކްޝަން ބާއްވާނީ ގޮނޑިއެއް ހުސްވާތާ 183 ދުވަހުގެ ތެރޭގަ އެވެ.

އާ އިސްލާހުގައި ބުނާ ގޮތުން ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. އަދި ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކައުންސިލްގެ ނައިބު ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމު ވެސް ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން އީސީގެ މައްޗަށް ގާނޫނުގައި ވަނީ ލާޒިމް ކޮށްފަ އެވެ.

އެހެންނަމަވެސް އީސީން ބައި އިލެކްޝަން 60 ދުވަހުގެ ތެރޭގައި ބޭއްވުމަށް ލާޒިމްކުރާ ހާލަތެއްވެސް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ. އެއީ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލުގައި މެންބަރުން ނެތްނަމަ އެވެ. މި ހާލަތުގައި ބައި އިލެކްޝަން ބާއްވަން އީސީއަށް އަންގާނީ ލޯކަލް ގަވަމެންޓް އޮތޯރިޓީންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!