ގައްދޫއިން ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި

ގދ. ގައްދޫގައި މަސްތުވާތަކެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރަށް މީހަކު ގެންގޮސްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ގައްދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ މައުލޫމާތު ލިބިގެން ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ގދ. ގައްދޫ، ފަހާގެ، އަލީ ނާސިރު (38އ) ކަމަށެވެ.
ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރި ނާސިރު އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 96.45 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.