ރާއްޖޭގައި މުޅިން އަލަށް ފަށާފައިވާ އެއާ އެމްބިއުލާންސުގެ ހިދުމަތުގެ ތެރެއިން ސީޕްލޭން އެއާ އެމްބިއުލާންސަށް ބައެއް މަސް މަހު އެންމެ ދަތުރެއް ވެސް ނުލިބޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ސީޕްލޭން އެއާ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް ފަށައި ފުރަތަމަ ދަތުރު ބޭއްވީ މާޗު މަހުގެ އެއް ވަނަ ދުވަހު އެވެ.
މިރޭ ދައުލަތުގެ މީޑިއާ "ޕީއެސްއެމް" ގައި ސީޕްލޭން އެމްބިއުލާންސަކީ "ފްލޮޕް" ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ސީޕްލޭނަށް މަހަަކު ދަތުރެއް ވެސް ނުލިބޭތީ އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލް އާއެކު ރައީސް ޑރ މުހައްމަދު މުއިއްޒަށް ލަފާއެރުވި ކަމަށެވެ.
ނަމަވެސް ބޭނުންވާ ގޮތަށް ޑުބްލިކޭޓްކޮށް ދަތުރު ކުރަން ނުޖެހޭ ކަމަށާއި ދަތުރުތައް ކުރިއަށް ގެންދިޔުމަށް ރައީސް ވިދާޅުވިކަން އަމީން ފާހަގަކުރެއްވި އެވެ.
"ސީޕްލޭނަށް މަހަކު ދަތުރު ނުލިބި ވެސް ދޭ،"
ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށީ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓެއް އެއާ އެމްބިއުލާންސަށް ބަދަލު ކުރުމަށް ފަހު އެވެ. އެ ބޯޓުގައި އެއްފަހަރާ ދެ ބަލި މީހުން އުފުލޭއިރު، އެއާ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީނު ކޮށްފަ އެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެ އެވެ. ސީޕްލޭން އެއާ އެމްބިއުލާންސުން 25 އަށް ވުރެ ގިނަ ދަތުރު މިހާތަނަށް ކޮށްފައިވެ އެވެ.