ޚަބަރު

ގައުމުގެ ދަރަނި 74 ބިލިއަނަށް އެރިއިރު އަތޮޅުތެރޭގައި ފެންވަރަނީ ނަޖިސް ފެނުން : އަލީ ހުސައިން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ދަރަނި 74 ބިލިއަން ރުފިޔާއަށް އެރިއިރު އަދިވެސް އަތޮޅުތެރޭގެ ރައްޔިތުން ފެންވަރަނީ ނަޖިސް ފެނުން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިކަމާ ގުޅިގެން އަލީ ހުސެއިން ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ 74 ބިލިޔަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އެޅުނު އިރު އަތޮޅު ތެރޭގެ ގިނަ ރައްޔިތުން އަދިވެސް ނަޖިިސް ފެނުން ފެންވަރަން ޖެހިފައިވުމުން އެހުރިހައި ފައިސާ ޚަރަދުކުރީ އެންމެ ރަނގަޅަށް ނޫންކަން ސާބިތު ވާ ކަމަށެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު 73.9 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީ އިން މިއަދު ވަނީ ހާމަކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ.

ޖީޑީޕީގެ ނިސްބަތުން ބަލާއިރު ބޭރުގެ ދަރަނި ހުރީ 55 ޕަސެންޓުގައެވެ. އަދި އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 53 ޕަސެންޓުގައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 68 ބިލިއަން ރުފިޔާގަ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ޖުމްލަ ދަރަނި ވަނީ 69 ބިލިއަނަށް އިތުރުވެފަ އެވެ.

2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާ ގައެވެ.
ރާއްޖޭގެ ދަރަނި މިއަހަރުގެ ދެވަނަ ކުއާޓަރުގައި 74 ބިލިއަނެއްހާ ރުފިޔާއަށް އަރާފައިވާއިރު، ސަރުކާރުން ވަނީ ކޮވިޑް-19 މިހާލަތާއި ގުޅިގެން ބޭރުން ލޯނު ވެސް ނަގާފައެވެ.

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދިޔަ ފަތުރުވެރިކަމުގެ ސިނާއަތް ކޮވިޑްގެ ޙާލަތާއި ގުޅިގެން ހުއްޓުމުން، ރައްޔިތުންނަށް ފޯރު ކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ބޭރުން ގިނަ އަދަދެއްގެ ލޯނު ނަގާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!