ކުރީގެ އެންމެ ގާތް އެކުވެރިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ހިތުގައި ރުޅިވެރިކަމެއް ނެތް ކަމަށާ އަދި ބަދަލު ހިފުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ވެރިކަމުގައި ވެސް އޭރު މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުުންނެވި ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން 2015 ހުކުމް ކުރި އެވެ. އެ ހުކުމް ރިވިއުކުރަން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އޭނާ މިނިވަންކުރީ ޑިސެމްބަރު 2018 ގަ އެވެ.
މިރޭ ޓީވީއެއްގެ ޕްރޮގްރާމެއްގައި ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވަނީ ކުރީގެ "ބެސްޓް ފްރޭންޑް" ޔާމީނާ އަދި ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތް 'ހިތްދަތި' ދުވަސްތަކާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފަ އެވެ.
އެ ޕްރޮގްރާމުގައި ޔާމީނަކީ އަމިއްލަ އެދުން ބޮޑު ބޭފުޅެއް ކަމަށް ދެކިވަޑައިގަންނަވަންތޯ ބެލުންތެރިއަކު ފޮނުވާފައިވާ ސުވާލަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ޕީއެންސީ/ޕީޕީއެމްގެ ތެރޭގައި އުފެދުނު ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ފެޔަށް ޖެހިވަޑައިގެންނެވި ޔާމީނަކީ ސިޔާސީ ކަންކަމުގައި އެއްގޮތަކަށް ވެސް ދޫދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.
"ފަޅި ޗާންސެއް ލިބުނު ކަމަށްވިޔަސް އޭގެ ބަދަލު ހިއްޕަވާނެ. އަޅުގަނޑަށް އޭރު ފެނިފައި ހުރި ކަންތައްތަކުގައި ވެސް އޭރުގެ ސިޔާސީ ވާދަވެރިންނާ ބެހޭ ގޮތުން ދައްކަވާފައި ހުރި ވާހަކަފުޅުތަކާއި ކުރައްވާފައި ހުރި ވާހަކަތަކަށް ބަލާއިރު އެކަން އޮތީ އެހެން،" ނާޒިމް ވިދާޅުވި ގޮތުގައި ޔާމީނަކީ އަމިއްލަ އެދުން ވެސް ބޮޑު ބޭފުޅެއް ކަމުގަ އެވެ.
ދިއްގަރު ދާއިރާގެ މެންބަރުކަން ދެ ދައުރެއްގައި ކުރައްވާފައިވާ ނާޒިމް ވިދާޅުވާ ގޮތުން ނަމަ އެމަނިކުފާނު ޖަލަށްލުމުގެ ފަހަތުގައި ހުންނެވި ބޭފުޅަކީ ޔާމީނެވެ. ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔާމީނާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދެއްވާފައިވާ ނާޒިމް ވިދާޅުވީ ޔާމީން ކަންކުރެއްވި ގޮތުން އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނުގެންގުޅުއްވާ ކަމަށެވެ. އެކަމަކު ޔާމީންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އަނިޔާ އަބަދަށް ހަނދުމަފުޅު ހުންނާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑުގެ ހިތުންނާއި ސިކުނޑިން އެކަހަލަ ކަންތައްތަކަށް ޖާގަދީގެން އުޅެން. އަޅުގަނޑު ހަމަ އެކަންކަން ހަނދާން ނައްތާލާ ކުރިއަށްދާން ބޭނުން ވަނީ، މާޒީގައި ދިމާވެފައި ހުރި އެކަހަލަ ކަންކަމުން ތަޖުރިބާ ހާސިލުނުކުރާ މީހުންނަކީ ބުއްދިވެރިންނެއް ނޫން،" ޔާމީނާ އެކު ސިޔާސީ މަސައްކަތަށް 1999 ވަނަ ނިކުންނެވި ނާޒިމް ވިދާޅުވި އެވެ.
"ދިރިއުޅުމުގައި ހިތްހަމަ ޖެހިގެން މިކަހަލަ ކަންތައްތައް ފަހަތަށް ދޫކޮށްލައިގެން އެކަން ހިތުގައި އަޅައިގެން ބަދަަލު ހިފުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" ޔާމީނަށް މާފުކޮށްފިތޯ ސުވާލު ކުރުމުން ނާޒިމް ވިދާޅުވި އެވެ.