ޚަބަރު

ޕީޖީކަމުން ޝަމީމް ވަކިކުރަން މަޖިލީހުގެ ޖަލްސާ އެއް މިރޭ ބާއްވަނީ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: ޕީޖީ

ގިނަ ތުހަތުތަކެއް ކުރެވިފައިވާ ޕްރޮސެކިއުޓާ ޖެެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވަކިކުރުން މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ގޮތަށް ނިންމައިފި އެވެ.

Ads by Hajj Corporation

މިރޭގެ ޖަލްސާގެ އެޖެންޑާ އަދި އާންމުކޮށްފައި ނުވި ނަމަވެސް އެ ޖަލްސާ އަކީ ޝަމީމް ވަކިކުރަން ތާވަލުކުރި ޖަލްސާ އެއްކަން ޕީއެންސީގެ މެންބަރުންތަކެއް ވަނީ "ދެން އޮންލައިން" އަށް މަޖިލީހުގެ މެންބަރުންތަކެއް ވަނީ ކަށަވަރުކޮށްދީފައިވެ އެވެ.

މިރޭ 9 ޖަހާއިރު ބާއްވަން ނިންމާފައިވަނީ މި ދައުރުގެ ފަހު ޖަލްސާ އެވެ. ދެން އަންނަ ދައުރު ފެށޭނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހެވެ.

މި މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ މި ހިނގާ ދައުރު މި މަހުގެ 26 ވަނަ ދުވަހަށް އިތުރުކުރަން ފާސްކުރި އެވެ. އެހެންނަމަވެސް މިރޭ ފަހު ޖަލްސާ ބާއްވަން ނިންމާފައިވާތީ "ދެން އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރު މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ދައުރު ނިންމާލަނީ މިހާރަށް ކުރަން ހުރި މަސައްކަތްތައް ނިމިފައިވާތީ ކަމަށެވެ.

މިއަދުގެ ޖަލްސާ ނިންމަމުން ނައިބު ރައީސް ވަނީ މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހުން މިއަދުގެ ނިޔަލަށް މަޖިލީހުގެ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފަ އެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި 23 ބިލެއް ހުށަހެޅިއިރު 11 ބިލެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި 12 ބިލެއްގެ މަސައްކަތް ކޮމިޓީތަކުގައި ހިނގަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ 12 ސުވާލެއް ހުށަހެޅުނުއިރު އެ ސުވާލުތަކުގެ ޖަވާބު ލިބުނު ކަމަށެވެ. އަދި ސަރުކާރުން ހުށަހެޅި 9 މައްސަލައެކާއި ރިޔާސަތުން ހުށަހެޅި 13 މައްސަލައެއް ނިމިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ނައިބު ރައީސް ވިދާޅުވީ އެހެނިހެން މައްސަލަތަކުގެ 9 ރިޕޯޓެއް ނިމިފައިވާ ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅުނު މައްސަލަތަކުގެ 82.9 އިންސައްތަ ނިމިފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރަކީ ފެބްރުއަރީ 1 އިން ފެށިގެން މޭ މަހުގެ 15 އަށެވެ. އަދި ދެވަނަ ދައުރަކީ ޖޫން 1 އިން ފެށިގެން އޮގަސްޓް 15 އަށެވެ.

އޭގެ އިތުރުން މަޖިލީހުގެ ތިންވަނަ ދައުރަކީ އޮކްޓޯބަރު 1 އިން ފެށިގެން ނޮވެބަރު ނިޔަލަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެ އެވެ.

ޝަމީމް ވަކިކުރަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ 8 މެންބަރުންގެ ވޯޓުންނެވެ. ޝަމީމް ވަކިކުރަން ފެންނަ ކަމަށް ވޯޓު ނުދެއްވަނީ އެމްޑީޕީގެ ދެ މެންބަރުންނެވެ. އެއީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްއާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ.

ޝަމީމް ވަކިކުރަން ޖެހޭ އަށް ސަބަބެއް ބަަޔާންކޮށް، މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީއެއް މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވަނީ އިއްވާފަ އެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތައް:

  • އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ދައުވާނުކޮށް އަދި އެ މައްސަލަ ފައިލްކުރުން
  • ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރުން
  • ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގެ ދަށު ކޯޓުގެ ނިންމުން އިސްތިއުނާފް ނުކުރުން
  • ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މީހުން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެނައުން
  • ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުން
  • ކޮވިޑުގެ ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާނުކުރަން ނިންމުން
  • ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއް ޖިންސުގެ ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ނުބެލުން
  • ޕީޖީ އޮފީހުގެ މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ މައްސަލަ

ކުށުގެ އިސްލާހު: މި ހަބަރުގައި ޝަމީމް ވަކިކުރާ ޖަލްސާ އޮންނާނީ މިރޭ 8 ޖަހާއިރު ކަމަށް ލިޔެވިފައި އޮތީ މައުލޫމާތުގެ ކުށަކުންނެވެ. 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!