Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަސައްކަތް ކުރީ އިހުލާސްތެރިކަމާއެކު، ދުނިޔޭގެ ފެންވަރަށް ޕީޖީ އޮފީސް ގެންދަން: ޝަމީމް 

މަސައްކަތް ކުރީ އިހުލާސްތެރިކަމާއެކު، ދުނިޔޭގެ ފެންވަރަށް ޕީޖީ އޮފީސް ގެންދަން: ޝަމީމް 
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމު އަދާކުރެއްވީ ވަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށް ޕީޖީ ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ. ގިނަ ތުހުމަތުތަކެއްކޮށް ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވެ ވަޑައިގަންނަވަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް މިއަދު ވަޑައިގެންނެވި އެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަށް ފަހު ޕީޖީ އޮފީހުގައި ބޭއްވި ޕްރެސް ބްރީފިންގައި ޝަމީމް ވަނީ އެ ތުހުމަތުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ޝަމީމް ވިދާޅުވީ ޕީޖީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ގާބިލުކަން އެންމެ ބޮޑަށް ތަންދިން މިންވަރަށް ކަމަށެވެ.
"އަޅުގަނޑު މަސައްކަތްކޮށްފައިވާނީ ވަރަށް އިހުލާސްތެރިކަމާއެއްކޮން ތެދުވެރިކަމާއެއްކޮން. އަޅުގަނޑުގެ ގާބިލުކަން ތަންދިން އެންމެ މަތީ ފެންވަރަކަށް ރާއްޖޭގެ އާދަޔާހިލާފަށް ހާމަކަމާއެކު މަސައްކަތް ކުރާ ދުނިޔޭގެ ފެންވަރުގެ އިދާރާއެއް ދުނިޔޭގެ ފެންވަރުގެ މީހުން ބިނާކުރެވޭތޯ"
މިދިޔަ ސަރުކާރުގައި ޕީޖީގެ މަގާމަށް އައްޔަންކުރެއްވި ޝަމީމް ވިދާޅުވީ ރާއްޖޭގެ ރިސޯޓުތައް "ފައިވް ސްޓާ" ފެންވަރުގައި ހިނގާހެން ރާއްޖޭގެ ޕަބްލިކް އޮފީސްތައްވެސް "ފައިވް ސްޓާ" ފެންވަރުގައި ހިންގެން ޖެހޭނެ ކަމަށެވެ. އެއަށް ފަހު ޝަމީމް ވަނީ ޕީޖީ އޮފީހަށް ގެންނެވި ބައެއް ބަދަލުތައް މީޑިއާތަކާ ހިއްސާކުރައްވާފަ އެވެ. ވިދާޅުވީ އެ އޮފީހުން ކުށުގެ ރިކޯޑު މިހާރު 10 މިނެޓު ތެރޭގައި ސާފުވާނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ލިބޭ ސިޓިީތަކަށް ޖަވާބު ލިބޭނެ އިރެއް އިނގޭނެހެން މެސެޖްވެސް ކުރަމުންދާ ކަމަށެވެ. ޝަމީމް ވިދާޅުވީ ޕީޖީ ވެބްސައިޓުގައި އެ އޮފީހުގެ ތަފާސް ހިސާބުތައް ދުވަހުން ދުވަހަށް ޕަބްލިޝްކޮށްފައި ހުންނާނެ ކަމަށާއި އަމިއްލަ މީޑިއާ ވެބްސައިޓެއް މެދުވެރިކޮށްވެސް ރައްޔިތުންނަށް ފަސޭހައިން މައުލޫމާތު ލިބޭގޮތްވެސް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް ފަސޭހައިން ޖަވާބު ދިނުމަށް ޕޯޓަލްއެއް ހެދިފައިވާކަންވެސް ފާހަގަކުރެއްވި އެވެ. ވިދާޅުވީ ޕީޖީ އޮފީސް، ދުނިޔޭގެ ފެންވަރުގެ ތަނަކާ ގާތަށް އާދެވިއްޖެ ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް, ދުނިޔޭގެ ފެންވަރުގެ އޮފީހެއް އުފެއްދުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އެ ހިސާބާ ގާތަށް ދެވިއްޖެ ކަމަށް އަޅުގަނޑޫ ގަބޫލު މި ކުރަނީ. ދެން އޮތް ބައި ކުރިއަށް ގެންދަވާނީ އެހެން ބޭފުޅެއް ކަންނޭނގެ"
ޝަމީމް ވިދާޅުވީ އަސާސީ ކަންކަން ހުރީ ގާއިމުކުރެވިފައި ކަމަށް މަސައްކަތް ކުރަމުން ދަނީ އެ މަގުން ކަމަށެވެ. ކުރެވޭ ތުހުމަތުތަކާ ގުޅިގެން މާ ބޮޑު ވާހަކައެއް ދައްކަވަން ޝަމީމް ބޭނުންވެ ވަޑައިނުގަތެވެ. ޝަމީމް އަށް ކުރެވޭ ތުހުމަތުތައް:
  • އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ދައުވާނުކޮށް އަދި އެ މައްސަލަ ފައިލްކުރުން
  • ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރުން
  • ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގެ ދަށު ކޯޓުގެ ނިންމުން އިސްތިއުނާފް ނުކުރުން
  • ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މީހުން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެނައުން
  • ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުން
  • ކޮވިޑުގެ ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާނުކުރަން ނިންމުން
  • ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއް ޖިންސުގެ ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ނުބެލުން
  • ޕީޖީ އޮފީހުގެ މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ މައްސަލަ
ޝަމީމް ވަކިކުރުމަށް މަޖިލީހުގެ ޖަލްސާ އެއް މިރޭ 9 ޖަހާއިރު ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އެ ޖަލްސާ އަކީ މި ދައުރުގެ އެންމެ ފަހު ޖަލްސާ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް