ލައިސެންސް ނެތި ކާބޯތަކެތީ ވިއްކާނަމަ ބައިމިލިއަންއާ ހަމަޔަށް ޖޫރިމަނާކުރަނީ
ރަޖިސްޓަރީކުރުން ލާޒިމުވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއް ނުވަތަ ފަރާތެއް ރަޖިސްޓަރީނުކޮށ،ް ނުވަތަ ލައިސަންސެއް ނެތި، ކާބޯތަކެތީގެ ހިދުމަތް ދިނުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެއާ ހިލާފުވާ ފަރާތްތަށް 5 ލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު މިއަދުން ފެށިގެން ތަންފީޒު ކުރަން ފަށައިފި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މޭ މަހުގެ 13 ވަނަ ދުވަހު އެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު ބިލު ތަސްދީގުކުރެއްވުމުން ގާނޫނަކަށްވީ މޭމަހުގެ 23 ވަނަ ދުވަހު އެވެ.
މިއަދު އަމަލުކުރަން ފަށާފައިވާ އެ ގާނޫނުގައިވާ ގޮތުން ވިޔަފާރީގެ ގޮތުގައި ބަލާނީ ކާާބޯތަކެތި އުފެއްދުމާއި، ތައްޔާރުކުރުމާ، ވިއްކުމާއި، އިމްޕޯޓުކުރުމާއ،ި އެކްސްޕޯޓުކުރުމާއ،ި ރައްކާކުރުމާއި، ފޯރުކޮށްދިނުމާ، ބަންދުކުރުމުގެ އިތުރުން ކާބޯތަކެތި ހަދިޔާކުރުމެވެ.
ގާނޫނުގައިވާ ގޮތުން ރަޖިސްޓްރީނުކޮށް އެ ވިޔަފާރިކުރާ ކޮންމެ ފަރާތެއްގެ އަދަބަކ،ީ ކުޑަބޮޑުމިނަށް ބަލައ،ި 10,000ރ އާއި 500,000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ.
އެ ގާނޫނުގައިވާ ގޮތުން ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ނުވަތަ ބާތިލުކޮށްފައިވަނިކޮށް ކާބޯތަކެތީގެ ހިދުމަތް ދިނުމަކީވެސް ކުށެކެވެ. އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 10،000ރ އާއި 1،000،000ރ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.
ގާނޫނުގައި ބުނީ ކާބޯތަކެތީގެ ލައިސަންސް ދޫކޮށްފައިވާ ތަނެއްގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ހިނގާފައިވާކަން ޝަރީއަތަށް ސާބިތުވެއްޖެނަމ،ަ އަދި އެކަމަކީ އެތަން ހިންގާ ފަރާތްތަކަކަށް އެނގިގެން ނުވަތަ އެ ފަރާތެއް ނުވަތަ ފަރާތްތަކުގެ އިހުމާލެއް އޮވެގެން ހިނގި ކަމެއް ކަމުގައި އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް އެ ތަނަކަށް ދޫކޮށްފައިވާ ރަޖިސްޓަރީއާއި ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު އެމްއެފްޑީއޭ އަށް ލިބިގެންވެ އެވެ.
މީހުން ދިރިއުޅޭ ތަންތަނާއ،ި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަގުތީ ގޮތުން ގާއިމުކުރެވޭ
މާރުކޭޓުތަކާއި އުޅަނދުތަކާއި ސްޓޭންޑްތައް ރަޖިސްޓަރީކުރުން އެ ގާނޫނުން ލާޒިމެއް ނުކުރެ އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތައް ރަޖިސްޓަރީކުރެވޭނީ ރަޖިސްޓަރޭޝަން ފީއެއް ނެގުމަށް ފަހުގައި ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.