ޚަބަރު

ބަޖެޓަށް ވުރެ 8 ބިލިއަން ރުފިޔާ އިތުރުވާނެތީ މާލީ ހިސާބުތައް އާއްމުކުރުން ހުއްޓާލައިފި: އަމީރު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު / ފޮޓޯ:އެމްޑީޕީ

މިއަރަށް ފާސްކުރި ބަޖެޓަށް ވުރެ 8 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި, ސަރުކާރުގެ ރޭވުންތަކާއި އެއްގޮތަށް ކަންކަން ކުރިއަށް ދާނަމަ މިކަން މިހެން ވެގެން ނުވާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާތަލާ ގުޅޭ ގޮތުން އިދިކޮޅުން ހުރި ކަންބޮޑުވުންތައް ހާމަކުރުމުގެ ގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް (އެމްޑީޕީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މިއަހަރުގެ ބަޖެޓުން ހަރަދު ކުޑަނުވާނެކަމަށް މަޖިލީހުގައި މި ސަރުކާރުން ބުނެފައިވަނިކޮށް، ހަރަދު ބޮޑުވާހެން ހީވި ހިސާބުން މާލީ ރިޕޯޓުތައް ހާމަކުރުން ސަރުކާރުން ހުއްޓާލާފައި ވާކަމަށެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ފާސްކުރި ބަޖެޓަށްވުރެ ހަރަދު އިތުރުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގައި މާލިއްޔަތު ކޮމެޓީގައި ފާހަގަކޮށްފައިވާ ކަންކަންކަމަކީ ޕީއެސްއައިފީ އަށް އިތުރު 3.2 ބިލިއަން ރުފިޔާ، އިންޑިރެކްޓް ސަބްސިޑީ އަށް އިތުރު 3.0 ބިލިއަން ރުފިޔާ އަދި ދަރަނި އަދާކުރަން އިތުރު 1.4 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ފިސްކަލް ސްޓްރެޓެޖީ ގައި ވާގޮތައް ހިނގާނަމަ، ބެޖެޓު 57 މިލިއަނަށް އަރާނެކަމަށް ބުނެފައިވާކަމަށްވެސް އަމީރު ފާހަގަކުރިއެވެ.

"މިއީ ފާސްކުރި ބަޖެޓަށްވުރެ 8 ބިލިއަން ރުފިޔާ އިތުރު އަދަދެއް. ސަބަބަކީ ހަރަދުގެ ރިފޯމުތައް ފަސްވުން، މި ސަރުކާރުގެ އިތުރު ހަރަދުތައް، ސިޔާސީ މުވައްޒަފުން ގިނަވުން އަދި ބަޖެޓުން ކުންފުނިތަކަށް ކުރާ ހަރަދު އިތުރުވުން" އަމީރު ވިދާޅުވިއެވެ.

އަމީރު ފާހަގަކުރީ އެންމެ ކުއާޓަރެއްގެ ތެރޭގައި 2500 އަށް ވުރެ ގިނަ ސިޔާސީ ވަޒީފާ ކުންފުނިތަކަށް އިތުރުކޮށްފައިވާކަމަށެވެ. އަދި ސަރުކާރުގެ މުވައްޒަފުންގެ އަދަދާއެކު 4500 ސިޔާސީ މުވައްޒަފުން ހިމެނޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

"އެ އެންމެންގެ މުސާރައިގެ ހަރަދުގެ ގޮތުގައި މަދުވެގެން 15 އިންސައްތަ ބޮޑުވާނެ" އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން އަމީރު ވިދާޅުވީ ސަރުކާރު ކުންފުނިތަކަށް ސަރުކާރުގެ ބަޖެޓުން ކުރި ހަރަދު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް 40 މިލިއަން އިތުރުވެފައިވާ ކަމަށެވެ.

"އެއީ ސަބްސިޑީގެ ގޮތުގައި އެޗްޑީސީ އަށް 400 މިލިއަން ރުފިޔާ، އެސްޓީއޯ އަށް 359 މިލިއަން ރުފިޔާ، ފެނަކަ އަށް 250 މިލިއަން ރުފިޔާ، އެމްޓީސީސީ އަށް 7 މިލިއަން ރުފިޔާ އަދި ވެމްކޯއަށް 4 މިލިއަން ރުފިޔާ" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ, މާލީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ލަސްވުމުން އެކަމުގެ ނޭދެވޭ އަސަރު މާލީ ހާލަތަށް ކޮށްފައިވާ ކަމަށާއި, މާލީ މިސްމެނޭޖްމެންޓްތަކާހެދު އިގްތިޞާދީ ހާލަތު މުޅިން ގޯސްވެފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!