ރާއްޖޭގެ މައި ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު އުސޫލުތަކަށް ގެނައި ބަދަލާއިއެކު ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
"އިނަފް އިޒް އިނަފް" ޝާހިދުގެ މެސެޖު ފެއްޓެވީ ފުދިއްޖެކަމަށް ވިދާޅުވަމުންނެވެ. އޭނާ ވިދާޅުވީ ސީދާ ރައްޔިތުންނަށް އަސަރު ކުރަމުންދާ ގޮތަށް މާލީ ގޮތުނޑޮލަ ގޯސް ފިޔަވަޅުތަކެއް އަޅަމުން ދާތީ އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށެވެ.
"ތަސައްވުރެއް ނެތުމާއި، ރަނގަޅު މެނޭޖުމެންޓެއް ނެތުމާއި، ވަޒީފާ ދިނުމާއި ވަކިކުރުމުގައި ހަލަބޮލިވުމާއި، ފަރުވާ ކުޑަ ހާރިޖީ އަދި އިގްތިސޯދީ ސިޔާސަތުތަކުގެ ސަބަބުން އަހަރުމެން ވަރަށް ބޮޑަށް މާލީ ދަތިކަމުގެ ތެރެއަށް ވެއްޓިއްޖެ"
ބީއެމްއެލްއިން މިއަދު ވަނީ ރުފިޔާ ކާޑުތަކުން ޑޮލަރު ނުނެގޭގޮތަށް ހަދައި ޑޮލަރު އެކައުންޓުތަކުން ނެގޭ ޑޮލަރުގެ ލިމިޓު 100 ޑޮލަރަށް ކުޑަކޮށްފަ އެވެ. މި ނިނިންމުމާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް މީގެ އަސަރު ކުރާނެ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްތައް އިތުރުކޮށް، އެކަށީގެންވާ ގޮތެއްގައި ފައިސާ ނުދީ، ބޭނުންވާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށް ނުދިނުމަކީ ގައުމު ރައްކާތެރި އިގްތިސޯދީ ހާލަތަކަށް ގެންދިޔުމުގައި ސަރުކާރުގެ ސާފު ޕްލޭނެއް ނެތްކަމުގެ ހެއްކެކެވެ.
އެއާއެކު އޭނާ ގޮވައިލެއްވީ ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނަށް އެކަށީގެންވާ މިންވަރަކަށް ބޭރު ފައިސާ ލިބޭނެ ގޮތްތަކެއް އިންތިޒާމުކޮށްދިނުމަށެވެ.
ބޭންކުން މިއަދު ނިންމި ނިންމުމާއިއެކު މުޅި ގައުމު ވަނީ ހަލަބޮލިވެފަ އެވެ. މިއާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު މި ނިންމުން ބަދަލު ނުކޮށްފިނަމަ މާދަމާ ޑޮލަރުގެ އަގު އިތުރަށް އުފުލިދާނެކަމަށް އޮތީ ބެލެވިފަ އެވެ.