ޚަބަރު

މާލީ ހާލަތުން އަރައިގަންނަން ހަރުދަނާ ފިޔަވަޅުތައް އަޅަން ޓްރޭޑް އެސޯސިއޭޝަނުން ގޮވާލައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އެމްޓީއޭގެ ވެރިން މަޖިލީހުގެ ކޮމިޓީއެއްގައި--

މާލީ ހާލަތުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ސަރުކާރަށް ގޮވާލައިފި އެވެ.

Ads by Sosun Fihaara

އެމްޓީއޭއިން އެހެން ގޮވާލާފައިވަނީ ޑޮލަރުގެ ދަތިކަން އިތުރުވެ, ބޭރުގެ ވިޔަފާރިތަކަށް ޑޮލަރު ކެނޑޭ މިންވަރު އެއްކޮށް ކަނޑާލުމަށްފަހު އެ ނިންމުން މުރާޖާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެމްޓީއޭއިން 'އެކްސް' ގައި އާއްމުކުރި ބަޔާނެއްގައި ބުނީ ފާއިތުވި މަސްތަކުގައި ރާއްޖޭގައި ޑޮލަރުގެ ދަތިކަން އިތުރުވަމުން އައިސް މިހާރު ޑޮލަރު ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަަކަށް ހަވާލާދެމުން އެ އެސޯސިއޭޝަނުން ބުނީ ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ ރަސްމީ ރޭޓާއި ނުރަސްމީ ރޭޓާ ދެމެދުގައިވާ ތަފާތު 20 އިންސައްތައަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

އަދި ނުރަގަޅު އެ ބޮޑު ބަދަލުގެ ސަބަބުން އާންމު ފަރުދުންނާއި އާންމު ވިޔަފާރިވެރިން ޑޮލަރު ގަތުމަށް ބޮޑު އަގެއް ދައްކަން ޖެހިފައިވާ ކަމަށްވެސް އެމްޓީއޭއިން ބުނެ އެވެ.

އެމްޓީއޭއިން ބުނީ މިހާލަތުގައި އިގްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެ, އާންމު ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކުރުމަށް ސަރުކާރުން ކުއްލި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު ސީދާ ސަރުކާރަށް ވިއްކުމަށް ބާރުއެޅުމާއި ޑޮލަރު ބޭނުންކުރެވޭނެ ދާއިރާތައް ވަގުތީ ގޮތުން ނަމަވެސް ހަނިކުރަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުން ދެކޭ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ދައުލަތުގެ ހަރަދު ކުޑަކޮށް, ސިޔާސީ ވަޒީފާތައް މަދުކޮށް ދައުލަތުގެ ކުންފުނިތަކުގައި ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަކީ މިހާރުން މިހާރަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާންޖެހިފައިވާ މައްސަލަތަކެއް ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!