ޚަބަރު

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތަށް ފެނަކަ ހަމަޖައްސައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ގޮތަށް ފެނަކަ ކޯޕަރޭޝަން ހަމަޖައްސައިފި އެވެ.

Ads by STELCO

ދަރަނި ބޮޑުވުމުގެ ސަބަބުންނާއި ކުރީގެ މެނޭޖުމަންޓުތަކުގައި އެތެރޭގެ ކޮރަޕްޝަން ބޮޑުވުމުގެ ސަބަބުން ހިންގުމަށް ދަތިވެފައިވާ ފެނަކަ އެސްޓީއޯގެ ދަށަށް ގެންދަން ނިންމީ ސަރުކާރު ކެބިނެޓުން އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި، ސަރުކާރު ކެބިނެޓުގެ އެ ނިންމުން ހާމަކޮށް ޝާއިއުކޮށްފައިވާ ލިޔުމުގައިވަނީ ސަރުކާރު ކެބިނެޓުން އެ ގޮތަށް ފާސްކުރީ ފެނަކައިން ފޯރުކޮށްދޭ ހިދުމަތްތައް ވަރުގަދަ ކުރުމަށާއި ކުންފުނި ދެން ހިންގޭ ގޮތް ހޯދުމަށް ފިނޭންސް މިނިސްޓްރީން ދިރާސާކޮށް ހުށަހެޅި ކަރުދާހެއްގެ މައްޗަށެވެ.

މި ބަދަލު ގެނައުމަށް ޓަކައި އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، ފެނަކައިގެ ކަންކަން އެސްޓީއޯގެ ދަށަށް ގެންގޮސް ހިންގަންވީ ގޮތުގެ އިހުތިޔާރު އެ ކުންފުންޏަކަށް ދިނުމަށް ވެސް ސަރުކާރު ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

"ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު އެސްޓީއޯއަށް ދިނުމަށާއި، މި ކަން ކުރާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއް ގޮތަށް، ވީ ވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުން ހިމެނޭ،" ރައީސް އޮފީހުގެ ލިޔުމުގައިވެ އެވެ.

މި މަރުހަލާ ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީއާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އިތުރނުް އެސްޓީއޯގެ ވެރިންގެ ކޮމިޓީއެއް އުފައްދައިގެން މައުލޫމާތު ހިއްސާކޮށްގެން މަސައްކަތް ގެންދިއުން ވެސް ކެބިނެޓުގެ ނިންމުމުގައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!