Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ލާމަރުކަޒީ ނިޒާމަކީ ކަންކަމަށް ބާރު އަޅައި ހިދުމަތް ލިބިގަންނަން ފަހި ނިޒާމެއް: ދިރާސާ

ލާމަރުކަޒީ ނިޒާމަކީ ކަންކަމަށް ބާރު އަޅައި ހިދުމަތް ލިބިގަންނަން ފަހި ނިޒާމެއް: ދިރާސާ
ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރައްޔިތުން ބޭނުންވާ އުމްރާނީ ތަރައްގީ އާއި ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރަށާއި ކައުންސިލަށް ޕްރެޝަރުކޮށް، ބޭނުންވާ ހިދުމަތްތައް ލިބޭނެ މަގު ފަހިވާ ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ. އެމްއެންޔޫން ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމް ގާއިމުކުރުމުން ދެކޭ ތަސައްވުރުތަކާއި ހުރި ގޮންޖެހުންތަކާ އަދި އަސަރުތައް ދެނެގަތުމުގެ ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީން ހަވާލުކޮށްގެންނެވެ. އެ ދިރާސާގައި 1،159 މީހުން ބައިވެރިވި އެވެ. އެއީ 640 އަންހެނުންނާއި 519 ފިރެހެނުންނެވެ. ދިރާސާގައި ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ހުރި ހަރުދަނާ ކަންކަމާއި އުނިކަންކަން ވަނީ ފާހަގަކޮށްފަ އެވެ. ދިރާސާގައި ބައިވެރި 41 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ތަރައްގީއަށް ލާމަރުކަޒީ ނިޒާމު ވަރަށް މުހިންމެވެ. ލޯކަލް ގަވަނެންސް ހަރުދަނާވެ، އާންމު ހިދުމަތުގެ ފެންވަރު ރަނގަޅުވެފައިވާ ކަމަށް 35.1 އިންސައްތަ މީހުން އެއްބަސްވެ އެވެ. ލާމަރުކަޒު ކުރުމުން ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެއްޖެ ކަމަށް 36.7 އިންސައްތަ މީހުން ގަބޫލުކުރާއިރު، 28.7 އިންސައްތަ މީހުން މައްސަލަތައް ފައިދާހުރި ގޮތެއްގައި ހައްލު ކުރުމަށް ލާމަރުކަޒީ ވެރިކަމުގެ އޮނިގަނޑުތަކަށް އިތުބާރު ކުރެވޭ ކަމަށް ބުނެފައިވެ އެވެ. https://twitter.com/MNUedu/status/1827708272805069069 ގިނަ ބައިވެރިން ގަބޫލުކުރާ ގޮތުން އެ ނިޒާމަކީ ކުރިން އޮތް މަރުކަޒީ ނިޒާމަށް ވުރެ މާ ރަނގަޅު ނިޒާމެކެވެ. އެގޮތުން ކުރީގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ގޮތް ކިޔެން ނެތަސް މިހާރު ނިންމާ ނިންމާ ނިންމުންތަކާއި ޕޮލިސީތައް ވަނީ ރައްޔިތުންނާ ގުޅިފައިހުރި ރައްޔިތުންގެ އެއްޗަކަށް ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ބަސްބުނެވި ބާރުވެރިވެއްޖެ ކަމަށެވެ.
"މިހާރު ރައްޔިތުންގެ ވޮއިސް ވަރަށް ކައިރިން ކައުންސިލަރުން މެދުވެރިކޮށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުން ގަޑިއަކު ގެންދެވޭ. ރިކުއެސްޓް ކުރާ ތަނުން އެޕޮއިންޓްމަންޓް ލިބި ކައުންސިލަރުންނަށް ރައްޔިތުންގެ ވާހަކަތައް، ކަންބޮޑުވުންތައް އަދި ރައްޔިތުންގެ ހުށަހެޅުންތައް ހުށަހެޅޭ،"
ވުމާ އެކު ފަސޭހައިން ނިންމުންތައް ނިންމޭ ކަމަށާއި ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ހިންގުމަށް ވަގުތު ސަލާމަތް ކުރެވޭ ކަމަށް ބުނެފައި ވެ އެވެ.

ލާމަރުކަޒީ ހިންގުމުގައި ހުރި ހަރުދަނާ ކަންކަން:

  • ރައްޔިތުން ހޮވާފައި ތިބޭ ފަރާތްތަކެއްވީމާ ރައްޔިތުންގެ އަޑު އިއްވޭ، ރައްޔިތުންގެ ބައިވެރިވުން ބޮޑު
  • އައިޑީ ކާޑް، ޕާސްޕޯޓް، ލައިސެންސް ފަދަ މާލެ ނުގޮސް ލިބޭނެ މަގު ފަހިވުން
  • ޓްރާންސްޕޭރެންސީ
  • ރައްޔިތުން ބޭނުންވާ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ދެވޭ/ލިބޭ
  • މިހާރު ސަރުކާރަށް/ކައުންސިލަށް ޕްރެޝަރު ކުރެވޭ (މިސާލަކަށް ބަނދަރު ހެދުން، މަގު ހެދުން އަދި މި ނޫންވެސް ކަންކަމުގައި)
ލާމަރުކަޒީ ނިޒާމާ ގުޅޭ އެންމެ ބޮޑު ކަންބޮޑުވުމަކީ ހާމަކަން ބޮޑުކަމާއި ޖަވާބުދާރީވުން ނެތުމެވެ. ދިރާސާގައި ބައިވެރިވި 35.5 އިންސައްތަ މީހުން އެގޮތަށް ދެކެ އެވެ. ނިންމުންތައް ނިންމުމުގައި މުޖުތަމައުގެ ބައިވެރިވުން ކުޑަ ކަމަށް 21.9 އިންސައްތަ މީހުން ގަބޫލުކުރާއިރު، އެކަށީގެންވާ ފައިސާ އާއި ވަސީލަތްތައް ނެތް ކަމަށް 21.1 އިންސައްތަ މީހުން ބުނެ އެވެ. އަދި ކަނޑައެޅިފައިވާ ބަޖެޓް ބޭނުން ނުކުރާ ކަމަށް 16.3 އިންސައްތަ މީހުން ދެކެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް