ޚަބަރު

ދިއްދޫ ކައުންސިލް މުވައްޒަފަކުގެ ހިޔާނާތުގެ މައްސަލަ ބަލަނި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

އދ. ދިއްދޫ ކައުންސިލުގެ މުވައްޒަފަކު ދެ މަގާމު އަދާކޮށް ހިޔާނަތްތެރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

Ads by STELCO

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހެވެ.

އެ މައްސަލައާ ގުޅިގެން ދިއްދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އެ ރަށުން އެ ކައުންސިލަށް ސެކެޓްރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް މީހަކު ނުލިބުމުން އެ މަގާމަށް ރަށުން ބޭރު މީހަކު ގެނައި ކަމަށެވެ. އެ މީހާ ވަޒީފާ އަށް ނިކުންނަން ފެށީ ފެބްރުއަރީ 14, 2022 ގަ އެވެ.

ދިއްދޫ ކައުންސިލުން ބުނީ، އެސްޖީގެ ލަފާގެ މަތިން މާލީ ހިސާބު ކިތާބުތަކާއި ދައުލަތުގެ މުދަލާއި ފައިނޭންސް ބެލެހެއްޓުމަށް ކޮންސަލްޓަންޓަކަށް ދެ އަހަރު ދުވަހުގެ މުއްދަތަށް އެ ދެ މަގާމަށް ވަކިވަކިން މީހަކު ނަގަން ތިން ފަހަރެއްގެ މަތިން އިއުލާނުކުރި ނަމަވެސް އެއްވެސް ފަރާތެއް ކުރިމަތި ނުލި ކަމަށެވެ.

އެއަށްފަހު އައިޓީ ކޮންސަލްޓަންޓް މަގާމަށް އެސްޖީގެ ފިރިމީހާ ހަމަޖައްސަން އޭސީސީގެ ލަފާއަކަށް އެދުމުން އިއުތިރާޒެއް ނެތް ކަމަށް ކައުންސިލުން ފާހަގަކުރި އެވެ. އަދި އައިޓީ މަގާމަށް ނެގުމުގައި އޭސީސީން ދީފައިވާ ހުއްދައަށް ބަލައި ފައިނޭންސްގެ މަސައްކަތް ކުރުމަށް އެކަކާ ހަވާލުކުރުމަށް އެސްޖީ ލަފާދިން ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ފައިނޭންސްގެ ވަޒީފާ އެކަކާ ހަވާލުކުރީ ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ތަކުރާރުކޮށް އެތައް ދުވަހެއްގެ މަތިން ސުވާލުކުރުމުން ކަމާބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ނަގާފައިވާ ކަމަށް އެސްޖީ ވިދާޅުވީ ކަމަށެވެ.

ކައުންސިލުން ބުނީ 2022 ވަނަ އަހަރުގެ އޮޑިޓުން ބެލި ބެލުމުން އެނގުނީ ފައިނޭންސްގެ ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދިޔައީ ގާނޫނާ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެކަން ފާހަގަކުރުމުން ކައުންސިލް ހުރިހާ މުވައްޒަފުންގެ ހާޒިރުގައި އެސްޖީއާ ސުވާލުކުރުމުން ފައިނޭންސް މަސައްކަތްތައް ކުރަމުން ގެންދަނީ އޭސީސީން އައިޓީ އަށް ދީފައިވާ ހުއްދައަށް ބަލައިގެން ކަމަށް އެސްޖީ ވިދާޅުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ ކުރިން އެސްޖީ ދީފައިވަނީ ދޮގު މައުލޫމާތެއްކަން ސާބިތުވި ކަމަށް ކައުންސިލުން ބުނެ އެވެ.

އޭގެ އިތުރުން އޮޑިޓް ބެލުމުން މެއި 21, 2023 އިން ފެށިގެން ޖުލައި 31, 2023 ނިޔަލަށް ކައުންސިލްގެ އެކައުންޓުން އެސްޖީގެ ފިރިމީހާގެ އެކައުންޓަށް 138,517.99 ރުފިޔާ ފޮނުވާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެ ފައިސާއަކީ ކަރަންޓް ބިލް ދެއްކުމާއި އިދާރާއަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް ހަމާކޮށްފައިވާ ފައިސާ ކަމަށްވެސް ބުނެފައިވެ އެވެ.

އޭގެ ތެރެއިން 96000 ކަރަންޓް ބިލު ދައްކަން ޖަމާކޮށްފައިވާއިރު އޭގެ ތެރެއިން 38,535.94 ކަރަންޓް ބިލަށް ދެއްކުމަށްފަހު ބާކީ 57,464.06 ރުފިޔާ އަނބުރާ ޖަމާކޮށްފައި ނުވާ ކަމަށް ވެސް ކައުންސިލުން ފާހަގަކުރެ އެވެ.

ކައުންސިލުން ބުނީ ތަކެތި ގަތުމަށް ޖަމާކޮށްފައިވާ ފައިސާއިން ގަނެފައިވާ ތަކެތީގެ ބިލެއް އަދި ބާކީ ފައިސާ ނުލިބޭ ކަމަށާއި އެކަމު ތަފްސީލަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް ދެކޮޅު ހަދާފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!