ހޮސްޕިޓަލުން ދޫކޮށްލުމުން އަތުހަރު ފުލުހުންގެ ބަންދަށް
ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ރަހީނުކުރި އަންހެނަކު ސަލާމަތްކުރަން ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަނިޔާވި ށ. މިލަންދޫ، އާދަމް އަތުހަރު (32އ) އަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މާލެ ކަސްޓޯޑިއަލް އަށް ބަދަލުކުރި އަތުހަރުގެ ހާލު ގޯސްވެގެން އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކުރީ އިއްޔެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އައިޖީއެމްއެޗަށް ގެންދިޔައީ ފިޓު ޖެހިގެންނެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ހޮސްޕިޓަލުން އަތުހަރު ދޫކޮށްލީ ހެނދުނު ކަމަށެވެ. އެއާއެކު އަނބުރާ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ވަނީ ގެންގޮސްފަ އެވެ.
ސޯޝަލް މިޑީއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރަހީނުކުރި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލަށް އަރުވައިގެން އަތުހަރު ފިލަން މަސައްކަތް ކުރެ އެވެ.
އެ ސަރަހައްދަށް ފުލުހުން ދިޔުމުން އެ އަންހެން މީހާ ސަލާމަތްކުރަން އުޅެފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިނެވެ. އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރީ ފުރާނާ ސަލާމަތްކުރުމުގެ ބާރު ބޭނުންކޮށްގެންނެވެ.
އަތުހަރު ބޮލުގައި މުގުރުން ޖެހި ވަގުތު އަންހެން މީހާއަށްވެސް އަނިޔާވި އެވެ. އެ އަންހެން މީހާ އަކީ ފުލުހެއްކަމަށްވެ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެ އަންހެން މީހާ ވަނީ މިހާރު ދޫކޮށްލާފަ އެވެ.
އަތުހަރަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ބާރުގެ ދަށުން 2022 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުދީ ޖަލުން މިނިވަން ކުރި މީހެކެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުންނަކީ އެއްކޮށް ދިރިއުޅޭ ދެ ލޯބިވެރިންނެވެ.
އަންހެން މީހާ ކަރުގައި އަތުހަރު ވަޅި ޖައްސައިގެން އުޅުނީ އެއްވެސް މަސައްކަތެއް ނުކޮށް, ހުރިހާ ހަރަދެއް އަންހެން މީހާ ކުރަން ޖެހޭތީ ކަމަށް ބުނެ ދެ މީހުންގެ ދެމެދު ފެށުނު ޒުވާބެއްގެ ތެރެއިން ކަމަށްވެ އެވެ.
ރަހީނުކުރި މީހާ ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ ފުލުހުންނަށް ތައުރީފްކޮށްފަ އެވެ.
އެއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު "ތުރެޓް ނިއުޓްރަލައިޒް" ކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.