ރާއްޖޭގައި 1.34 މިލިއަން ބޭންކު ކާޑު, މިދިޔަ އަހަރު 557.8 ބިލިއަން ރުފިޔާ އެކައުންޓްތަކުން ޓްރާންސްފާ ކުރި
މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 1.34 މިލިއަން ބޭންކު ކާޑު ދޫކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭއިން) ހާމަކޮށްފި އެވެ.
އެމްއެމްއޭއިން އާންމުކުރި މޯލްޑިވްސް ޕޭމެންޓްސް ބުލިޓިން 2023 ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި 109.6 މިލިއަން ޓްރާންސްފާ ކޮށްފައިވާއިރު އެއީ 557.8 ބިލިއަން ރުފިޔާ އެވެ.
97 އިންސައްތައަކީ އެއް ބޭންކެއްގައި ހުޅުވާފައި ހުރި ދެ އެކައުންޓަކުން ކޮށްފައިވާ މުއާމަލާތަކެވެ. ބާކީ ތިން އިންސައްތައަކީ އެއް ބޭންކެއްގެ އެކައުންޓަކުން އަނެއް ބޭންކެއްގެ އެކައުންޓަކަށް ކޮށްފައިވާ މުއާމަލާތްތަކެވެ.
ނިމިދިޔަ 2022 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރު ޓްރާންސެކްޝަންތައް 25 އިންސައްތަ އިތުރުވެ, ރުފިޔާގެ އަދަދުތައް ވެސް 15 އިންސައްތަ އިތުރުވެފައިވެ އެވެ.
ފަވަރަ ހިދުމަތާއެކު އެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެ ކަަމަށް އެމްއެމްއޭއިން ބުނެ އެވެ. ފަވަރައާއެކު ރިއަލްޓައިމްގައި ދެ ބޭންކެއްގައި ހުޅުވާފައި ހުންނަ އެކައުންޓުން ޓްރާންސްފާ ކުރެވެއެވެ.
އެމްއެމްއޭއިން ބުނީ ދޫކޮށްފައިވާ ބޭންކް ކާޑުތަކުގެ ތެރެއިން އެކްޓިވް އަދަދަކީ 69 އިންސައްތަ ކަމަށެވެ.
ދޫކުރި ކާޑުތަކުގެ ތެރެއިން 62 އިންސައްތައަކީ ޑެބިޓު ކާޑެވެ. 34 އިންސައްތައަކީ ޕްރިޕެއިޑް ކާޑެވެ. އަދި ބާކީ 4 އިންސައްތައަކީ ކްރެޑިޓު ކާޑެވެ.
ޑެބިޓު ކާޑުގެ ތެރެއިން 52 އިންސައްތަ ކާޑަކީ ވިސާ ކާޑެވެ. އަދި 25 އިންސައްތައަކީ މާސްޓާ ކާޑަށްވާއިރު ބާކީ 18 އިންސައްތައަކީ އެމެރިކަން އެކްސްޕްރެސް އެވެ. އަދި ކްރެޑިޓު ކާޑުގެ 64 އިންސައްތައަކީ ވިސާ ކާޑުތަކެވެ. 27 އިންސައްތައަކީ އަމެރިކަން އެކްސްޕްރެސް އަދި 9 އިންސައްތައަކީ މާސްޓާ ކާޑެވެ.
ނަމަވެސް ޕްރީޕެއިޑު ކާޑުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ މާސްޓާ ކާޑުތަކެވެ. އެއީ 99.97 އިންސައްތަ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
ކާޑުތަކުންކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު މިދިޔަ އަހަރު 56.49 މިލިއަން މުއާމަލާތެއް ކާޑުތަކުންކޮށްފައިވާއިރު އެއީ 22.96 ބިލިއަން ރުފިޔާ އެވެ. 2022 ވަނަ އަހަރު ކާޑުތަކުން 45.71 މިލިއަން މުއާމަލާތް ހިންގާފައިވާއިރު އެއީ 17.92 ބިލިއަން ރުފިޔާ އެވެ.
އޭގެ ތެރެއިން އެންމެ ގިނަ ޓްރާންސެކްޝަން ހަދާފައިވަނީ ޑެބިޓްކާޑުން ކަމަށްވާއިރު އެ ކާޑުން 53.6 މިލިއަން ޓްރާންސެކްޝަން ހަދާފައިވެ އެވެ. އެއީ 21.6 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ޕީއޯއެސް މެދުވެރިކޮށް 85 އިންސައްތަ ކާޑުގެ މުއާމަލާތްކޮށްފައިވާއިރު ބާކީ 15 އިންސައްތަ މުއާމަލާތައްކޮށްފައިވަނީ އޮންލައިން ޗެނަލްސްތައް މެދުވެރިކޮށެވެ.