ޚަބަރު ސަރުކާރު

މާސްޓާ ޕްލޭން ހަދަން އެޗްޑީސީއަށް، ފްލެޓު އަޅަން އެފްޑީސީއަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާއި އެއްކޮށްލަން ކެބިނެޓުން ނިންމައި އެ ދެކުންފުނިން ކުރާ މަސައްކަތްތަކަށްވެސް ބަދަލުތަކެއް ގެންނަން ކެބިނެޓުން ނިންމައިފި އެވެ.

Ads by STELCO

މިއަދު ހަވީރު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުންފުނިތަކަށް ގެންނަން ނިންމާފައިވާ ބަދަލުތައް އިގްތިސޯދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ އިއުލާން ކޮށްދެއްވައިފަ އެވެ. އެގޮތުން އެމްއޭސީއެލް އާއި އާރުސީއެލް އެއްކޮށްލަން ނިންމާފައިވާ ކަމަށާއި އެޗްޑީސީގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން ގެންދިޔުމަށް ނިންމާފައިވާކަން ސައީދު އިއުލާން ކުރެއްވި އެވެ.

މިއާއެކު މިހާރު ރީޖަނަލް އެއާޕޯޓުތައް ހިންގާ އާރުސީއެލްގެ ޑިރެކްޓަރުންގެ ބޯޑު އުވައިލާނެ އެވެ. އަދި އެ ކުންފުނި ހިންގާނީ އެމްއޭސީއެލްގެ ބޯޑުންނެވެ. ދެކުންފުނީގައި ހުންނާނީ އެއް މެނޭޖިންގް ޑިރެކްޓަރެކެވެ.

އަލަށް ގެންނަ ބަދަލުތަކަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ.

ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ އެޗްޑީސީގެ ދަށަށް އެފްޑީސީ ބަދަލުކުރަން ނިންމުމުން އެފްޑީސީން ކުރާ މަސައްކަތްތައް ހަމައެކަނި ވަކި ސަރަހައްދެއްގައި ކުރުމުގެ ބަދަލުގައި މުޅި ރާއްޖެއަށް ފުޅާވެގެން ދާނެ ކަމަށެވެ.

"އެފްޑީސީ ސަބްސިޑަރީ ކުންފުންޏަކަށް ވުމަށްފަހު ސޯޝަލް ހައުސިންގްގެ މަސައްކަތްތައް ކުރާނީ އެފްޑީސީ. އެޗްޑީސީ ވާނީ އަޅުގަނޑުމެން މި ގާއިމް ކުރާ އާބަން ސެންޓަރުތަކުގެވެސް މާސްޓާ ޑިވެލޮޕާއަކަށް."

މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މޯލްޑިވްސް ފަންޑު މެނޭޖުމެންޓް ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، (ބީސީސީ) ވެސް އެއްކޮށްލަން ވަނީ މަޝްވަރާ ކޮށްފަ އެވެ. އެގޮތުން މި ދެކުންފުނި މާޖުކޮށްގެން ހިންގޭނެ ގޮތްތަކާއިމެދު ވަނީ މަޝްވަރާކޮށްފަ އެވެ.

އިގްތިސޯދީ ވަޒީރު ސައީދު ވިދާޅުވި ގޮތުގައި މިނިންމުންތަކުގެ ބޭނުމަކީ ސަރުކާރުގެ ހަރަދު ކުޑަކުރުމެވެ. އޮފީސް ކުލީގެ އިތުރުން ހިންގުމުގެ ހަރަދުތައްވެސް މީގެ ސަބަބުން ކުޑަކުރެވޭނެކަމަށް ސައީދު ވިދާޅުވި އެވެ. މިއީ ރީފޯމު އެޖެންޑާގެ ތެރެއިން ސަރުކާރުން އަޅާ ފިޔަވަޅުތަކެކެވެ.

މިހާތަނަށް އައިއިރު ސަރުކާރުން ވަނީ އެސްޓީއޯގެ ދަށަށް ފެނަކަ ކޯޕަރޭޝަން ބަދަލު ކުރަން ނިންމައިފަ އެވެ. ކުންފުނިތައް މާޖު ކުރުމުގެ އިތުރުން ކުންފުނިތައް ހިންގުމުގެ އުސޫލުތަކަށްވެސް ބަދަލުތަކެއް ގެންނަން ފިނޭންސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!