ޚަބަރު

ފިނޮޅުން ގެއްލުނު މީހާގެ ކަންތައް ފުލުހުން ބަލަނީ ޖިނާއީ މައްސަލައެއްގެ ގޮތުގަ

އަލީ ސަމާޙް ، ދެން އޮންލައިން

މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ހުކުރު ދުވަހު ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ) ގެ ކަންތައް ޖިނާއި މައްސަލައެއްގެ ގޮތުގައި ފުލުސް އޮފީހުން ތަހުގީގު ކުރަން ފަށައިފި އެވެ.

Ads by STELCO

ރައްޓެހިންތަކަކާއެކު ދަތުރު ދިޔަ ތަސްލީމު އެންމެ ފަހުން ފެނިފައި ވަނީ ހުކުރު ދުވަހު ހެނދުނު 10:00 އާއި 11:00 ހާއިރު ފިނޮޅުން ކަމަށް އޭނާއާ އެކު ދަތުރުދިޔަ މީހުން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

ނަން ނުޖަހަން ޝަރުތުކޮށް "ދެން އޮންލައިން" އާ މިއަދު ވާހަކަ ދެއްކި ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ތަސްލީމު ގެއްލުނު މައްސަލައިގެ ތަހުގީގު ކުރަމުން އަންނައިރު އޭނާއާ އެކު ފިނޮޅަށް ދިޔަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ.

"އެ މައްސަލަ (ތަސްލީމު) ގެއްލުނު މައްސަލަ ބަލަނީ ޖިނާއި މައްސަލައެއްގެ ގޮތުގައި" އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު އަދި މިހާތަނަށް އޭނާ ފެނިފައެއް ނުވެ އެވެ.

ތަސްލީމު ހޯދަން ފިނޮޅު ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންނާއި 3000 އަކަ ފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ސިފައިން ވަނީ ބަލާފަ އެވެ.

އެކަމަކު އެ މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އާއި މެރިޓައިމް ސާޗް އެންޑް ރެސްކިއުން އިން ކޭސް އެއް ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން މިހާރު ލީޑުކުރަމުން ދަނީ ފުލުހުންނެވެ.

ތަސްލީމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފިނޮޅަށް ދަތުރު ބަޔަކު ގޮސްފައިވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9794639 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!