ޚަބަރު އިޖުތިމާޢީ

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން އިތުރު 23 ގޯތި ހަވާލުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބިންވެރިޔާ ސްކީމްގެ ދަށުން އިތުރު 23 ފަރާތަކާ ގޯތި ވަނީ ހަވާލުކޮށްފައި / ފޮޓޯ:ހައުސިން މިނިސްޓްރީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރެވުނު ގޯތިތަކުގެ ތެރެއިން އިތުރު 23 ގޯތި ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

Ads by STELCO

ހައުސިން މިނިސްޓްރީން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހު 13 ގޯއްޗެއް ވެރިފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އިއްޔެ އިތުރު 10 ގޯއްޗެއް ހަވާލުކުރެވުނު ކަމަށެވެ. މިހާތަނަށް ޖުމްލަ 648 ގޯތި ވެރިފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ޖުމްލަ 1،408 ގޯތި ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރެއިން 761 ގޯތި ވެރިފަރާތްތަކާ އަދި ހަވާލެއް ނުކުރެ އެވެ.ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިން ސާފުކޮށް އެ މިނިސްޓްރީ އާ ހަވާލުކުރާ ހިސާބުން ވެރިފަރާތްތަކާ ބިން ހަވާލުކުރުމުގެ މަސައްކަތް ކުރާނެ ކަމުގަ އެވެ.

އިތުރަށް ބުނީ މި ސްކީމްގެ ދަށުން ގުޅީފަޅާއި ގިރާވަރުފަޅުން ލިބިފައިވާ ގޯތިތައް ހަވާލު ކުރުމަށް ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް، ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކުރީ ސަރުކާރުން އެ ސްކީމްގެ ދަށުން ހުޅުމާލެ ދެ ވަނަ އަދި ތިން ވަނަ ފިޔަވަހިންނާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރި އެވެ.

އަދި ހިއްކާ ނިމިފައި ހުރި ބިންތަކުން ބިން ކަނޑައި ބިން ހަވާލު ކުރި އެވެ. ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނުނިމުނަސް ގަވާއިދަށް ބަދަލު ގެނެސް ބިމުގެ ރަޖިސްޓްރީ ވެސް އޭރު ވަނީ ހަވާލުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!