ޚަބަރު ވިޔަފާރި

މަސް ގަންނަ އަގަށް ބަދަލެއް ނުގެންނަނީ ބާޒާރުގައި އަގު ދަށަށް ދާތީ: މިފްކޯ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިފްކޯގެ ޖަޒީރާ103 އަށް މަސްކިރުވަނީ: މަސް ގަންނަ އަގަށް ބަދަލެއް ނުގެންނަނީ ބާޒާރުގައި އަގު ދަށަށް ދާތީ ކަމަށް ވަނީ ބުނެފައި / ފޮޓޯ:މިފްކޯ

މާކެޓުގެ އަގާއި އެއްގޮތަށް ކަނޑުމަސް ގަންނަ އަގު ބަދަލުކުރާ ގޮތަށް ނިންމި ދުވަހުން ފެށިގެން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިނުވަނީ، ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް އެ ދުވަހުން ފެށިގެން އަދިވެސް ހެޔޮ ބަދަލެއް އައިސްފައިނުވާތީ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ބުނެފި އެވެ.

Ads by STELCO

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިފްކޯއިން ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއް ކަމަށެވެ.

އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވީ ނަމަވެސް، އެ ކުންފުނިން މަސައްކަތްކޮށްފައި ވާނީ މަސް ގަންނަ އަގު ދަށް ނުކޮށް ހިފަހައްޓަން ކަމަށް މިފްކޯއިން ބުންޏެވެ.

އަދި މަހުގެ އަގު ބަދަލު ކުރިއިރު މަސް ގަތް އަގު ކަމަށްވާ 16 ރުފިޔާގެ ރޭޓުން މަސް ކިރަމުންދިޔަ ކަމުގައި ވިނަމަވެސް، އެކަމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބުންޏެވެ.

"ކުންފުނިން މިވަގުތު މަސައްކަތްކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅުވަންދެން 16 ރުފިޔާއަށް ވުރެ ދަށް ނުވާ ގޮތަށް އަގު ހިފެހެއްޓުމަށްފަހު އަގު މައްޗަށް ޖެހުމުން، މަސްވެރީން އަތުން ރަނގަޅު އަގުގައި ކޮލެޓީ މަސް ގަތުމަށް،" މިފްކޯއިން ބުނެ އެވެ.

ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން މިފްކޯއިން ވަނީ ނިންމާފަ އެވެ. އެ ކުންފުނިން ދަނީ ކަމާ ގުޅޭ ފަރާތްތަކާ އެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

މި އަހަރު މިފްކޯއަށް މަސް ކިރުވި އަދަދު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 42 އިންސައްތަ ދަށްވެފަ އެވެ. މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށްވެފައިވާއިރު، ފްރޯޒަން ކަނޑުމަހުގެ ޝިޕްމަންޓުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

  • މީގެކުރިން އެވްރެޖުކޮށް 16ރ ގެ ރޭޓުން މިފްކޯއަށް އައީ މަސް ގަންނަމުން
  • ސަރުކާރުން މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އަދަދެއް ސަބްސިޑީގެ ގޮތުގައި ދިޔައީ ދެމުން
  • މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް މިހާރުވެސް ސަރުކާރުގެ ސަބްސިޑީ ބޭނުންވޭ

ސަރުކާރުގެ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިކަމާއި މަސްވެރިކަން ހީނަރުވުމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯއަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މިފްކޯއިން ބުނެ އެވެ. ބުނީ މަސްވެރިންގެ ހައްގުގައި އެ ހާލަތުގައި 16 ރުފިޔާގެ ރޭޓުން ގެއްލުމުގައި މަސްކިރަން ޖެހުނަސް، އެކަމަކީ ސަބްސިޑީ އާ ނުލައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެހެންކަމުން ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެނަމަ، މަސްކިލޯއެއް ގަންނަ އަގު ދަށްކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ،" މިފްކޯއިން ބުނެ އެވެ.

އެހެންވެ އެ ކުންފުންޏަށާއި ސިނާއަތަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަހުގެ އަގު ދަށްނުކޮށް، ބައިނަލްއަގުވާމީ މާކެޓުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލެއް ފެންނަންދެން މަޑުކޮށްގެން ތިބުން ކަމަށް މިފްކޯއިން ފާހަގަކުރި އެވެ.

އަމިއްލަ ބައެއް ފެކްޓަރީތަކުން އެފަރާތްތަކުގެ ޕްރޮސެސިންއަށް ބޭނުންވާ މިންވަރުގެ އަދަދަކުން އެ ކުންފުންޏަށް ވުރެ ބޮޑު ރޭޓެއްގައި މިދަނޑިވަޅުގައި މަސްވެރިން އަތުން މަސް ގަންނަމުންދިޔަ ނަމަވެސް، މިފްކޯއަކީ ގަންނަ މަހުގެ 80 އިންސައްތަ ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރާ ކުންފުންޏެކެވެ.

އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރޯ މަހުގެ އަގު ދަށްވަމުންދާ ދަނޑިވަޅެއްގައި، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަކީ ދެމެހެއްޓެނިވި ބަދަލަކަށް ނުވާނެ އެވެ. ކަން މިހެން އޮތްއިރު ފެލިވަރު ކޭނަރީއަށް އެކަނި ބޭނުންވާ ވަރަށް ބޮޑު އަގުގައި މަސް ގަނެގެން ފަރުޖައްސާލެވޭނެ ގޮތެއް މިފްކޯއަކަށް ނޯވެ އެވެ.

މި އަހަރަކީ ވޭތުވެދިޔަ ދިގު މާޒީގައި މަސްވެރިކަން ހީނުކުރާ މިންވަރަށް ދަށަށް ދިިޔަ އަހަރަކެވެ. އަހަރު ނިމެން ތިން މަހަށް ވެފައިވާއިރު، މިފްކޯއަށް މިހާތަނަށް ކިރުނީ 26،000 ޓަނުގެ މަހެވެ. އަހަރެއްގެ މައްޗަށް އެވްރެޖުކޮށް މިފްކޯއަށް 67،000 ޓަނުގެ މަސް ކިރާއިރު، މިދިޔަ އަހަރަކީ ރިކޯޑު އަހަރެކެވެ. މިދިޔަ އަހަރު މިފްކޯއަށް 72،000 ޓަނުގެ މަސް ކިރާފައިވެ އެވެ.

މި އަހަރުގެ މި ހާލަތާ ގުޅިގެން މަސްވެރިން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއިން އަންނަނީ މިވަގުތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އޭގެ ތެރޭގައި ތެލާއި އައިސް ކްރެޑިޓަށް ފޯރުކޮށްދިނުމާއި މަސްވެރިންނަށް ނުދެވި ހުރި ފައިސާ ހޯދައި، ހަލާސްކުރުމާއި މިހާރު ލިބޭ ބިލުތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތްތައް ހޯދުން ހިމެނެ އެވެ.

އަދި މިފްކޯ އެފިޝެންސީ އެކްސަސައިޒްގެ ތެރެެއިން ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެ ކުންފުނިން އަޅަމުން އަންނަނީ މަސްވެރި އާއިލާއަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!