Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މި އަހަރު މިހާތަނަށް މަޖިލީހުގެ ކުރީގެ މެންބަރުންނަށް ޕެންޝަންގެ ގޮތުގައި 5 މިލިޔަން ރުފިޔާ

މި އަހަރު މިހާތަނަށް މަޖިލީހުގެ ކުރީގެ މެންބަރުންނަށް ޕެންޝަންގެ ގޮތުގައި 5 މިލިޔަން ރުފިޔާ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕެންޝަންގެ ގޮތުގައި މަހަކު 6 ލައްކަ ރުފިޔާ ދައުލަތުން ހަރަދުކުރާކަން ހާމަވެއްޖެ އެވެ. އެއީ މިއަހަރުގެ މިހާތަނަށް ޖުމްލަ 5 މިލިޔަނަށްވުރެ ގިނަ ރުފިޔާައެވެ. އެ މައުލޫމާތު އެނގިފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ޕެންސަން އޮފީހުގައި އެދިގެން "ދެން" ހޯދި ތަފާސް ހިސާބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު ބުނާ ގޮތުގައި މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާނަމް މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 އިންސައްތަ ދައުލަތުން ދޭން ޖެހެ އެވެ. އެ ގާނޫނު ބުނާ ގޮތުން ދެ ދައުރު ފުރިހަމަކޮށްފިނަމަ މާލީ އިނާޔަތުގެ ގޮތުގައި މެންބަރުންގެ މުސާރައިގެ 45 ޕަސެންޓް ދޭން ޖެހެ އެވެ. އެހެންނަމަވެސް މާލީ އިނާޔަތް ލިބޭނީ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުން ވަކިވުމަށްފަހު އަދި އެ މެންބަރެއްގެ އުމުރުން 55 އަހަރު ފުރުމަށްފަހު ކަމަށްވެސް އެ ގާނޫނުގައި ބަޔާންކުރެ އެވެ.
އެ ގާނޫނުގެ ދަށުން 2018 ވަނަ އަހަރު ފެށިގެން 2019 ގެ ޖުލައި މަހުގެ ނިޔަލަށް އިނާޔަތް ގޮތުގައި 121,125 ރުފިޔާ މަހަކު ދައުލަތުން ހަރަދު ކުރާއިރު އެ އިނާޔަތް އޭރު ދެމުން އައީ މީގެ ކުރިން މެންބަރުކަން ކުރި 8 މެންބަރަކަށެވެ. ޖުލައި, 2019 އިން ފެށިގެން ޕެންޝަން ދޭން ޖެހޭ މެންބަރުންގެ އަދަދު އިތުވަމުން އައި ކަން ފާހަގަކުރެވޭއިރު އެ މަހު ޕެންޝަންގެ ގޮތުގައި 335,187.09 ރުފިޔާ ދީފައިވެ އެވެ. 2024 ވަނަ އަހަރު ޕެންޝަންގެ ގޮތުގައި ފައިސާ ދިން މެންބަރުންގެ އަދަދާއި ފައިސާގެ އަދަދު:
  • ޖެނުއަރީ - 35 މެންބަރަކަށް 535,075 ރުފިޔާ
  • ފެބުރުއަރީ - 35 މެންބަރަކަށް 516,375 ރުފިޔާ
  • މާޗް - 35 މެންބަރަކަށް 506,812.50 ރުފިޔާ
  • އޭޕްރީލް - 36 މެންބަރަކަށް 511,912.50 ރުފިޔާ
  • މޭ - 36 މެންބަރަކަށް 521,262.50 ރުފިޔާ
  • ޖޫން - 40 މެންބަރަކަށް 624,412.51 ރުފިޔާ
  • ޖުލައި - 43 މެންބަރަކަށް 659,302.39 ރުފިޔާ
  • އޮގަސްޓް - 43 މެންބަރަކަށް 647,062.50 ރުފިޔާ
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަސާސީ މުސާރައަކީ 42,500 ރުފިޔާ ކަމަށްވާއިރު ގާނޫނުގައި ބުނާ ގޮތުގައި އެއް ދައުރު އަދާކުރާ މެންބަރުންނަށް ލިބޭނީ 12,750 ރުފިޔާ އެވެ. އަދި ދެ ދައުރު އަދާކުރާ މެންބަރުންނަށް ޕެންޝަންގެ ގޮތުގައި 19,125 ރުފިޔާ ލިބެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް