ބަންގްލަދޭޝް އަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު އެގައުމުގެ ރައީސަށް އަރުވައިފި

ދިވެހި ސަރުކާރުން ބަންގްލަދޭޝް އަށް ކަނޑައެޅުއްވި އާ ސަފީރު ޝިއުނީން ރަޝީދު މަގާމުގެ ފަތްކޮޅު, ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން އަށް އަރުވައިފި އެވެ.
މަގާމުގެ ފަތްކޮޅު އެރުވީ މިކަމަށްޓަކައި މިއަދު ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރަސްމިއްޔާތަށްފަހު ރައީސް ޝަހާބުއްދީން ވަނީ ސަފީރު ޝިއުނީންއަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ.

ބަންގްލަދޭޝް އަށް ކަނޑައެޅުއްވި ސަފީރު އެގައުމުގެ ރައީސާއި މަޝްވަރާ ކުރައްވަނީ
ޝިއުނީން ވަނީ ރައީސް ޝަހާބުއްދީންގެ އޯގާތެރި މަރުހަބާއަށް ޝުކުރު އަދާކުރައްވައިފަ އެވެ, އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހެޔޮ އެދުމާއި ތަހުނިޔާ ބަންގްލަދޭޝްގެ ރައީސަށާއި އެގައުމުގެ ރައްޔިތުންނަށް ޝިއުނީން އަރިސްކުރެއްވި އެވެ.
މީގެ އިތުރުން ޝިއުނީން ވަނީ ރާއްޖެއާއި ބަންގްލަދޭޝްގެ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ދިވެހި ސަރުކާރުން އިސްކަން ދޭކަން ފާހަގަކުރައްވައިފަ އެވެ. އަދި ދެގައުމުގެ ތަރައްގީގެ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އިތުރު މަގުތައް ހޯދުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.
ރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރީ 22 ސެޕްޓެމްބަރު 1978 ގަ އެވެ.