ރިޕޯޓް

އަތުހަރުގެ މަރު މިވީ ބޮޑު ބަހުސަކަށް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން

"ފުލުހުން މުގުރުން ޖެހީމާ އޭނާ މަރުވީ, ފުލުހުން އޭނާ ދަންޖެއްސީ" ދޫނިދޫ ރިމާންޑް ޖަލުގައި ދަންޖެހެން އުޅުމުން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި, ށ. މިލަންދޫ 32އ އާދަމް އަތުހަރުގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.

Ads by MWSC

ދެ ލޯބިވެރިއެއްގެ ދެމެދު ގޭގެ ކުލީގެ މައްސަލާގައި ހިނގި ޒުވާބު "ވިހަ" ވީ ބުރާސްފަތި ދުވަހުގެ ރެ އެވެ. ދެން ފެނުނީ ފުރަމާލެ މަގުމަތީގައި އަތުހަރު، އޭނާގެ ލޯބިވެރިޔާ ކަރުގައި ވަޅި ޖައްސައިގެން އުޅުނު މަންޒަރުގެ ވީޑިއޯތަކެވެ. އާންމުކޮށް ރާއްޖެއިން ނުފެންނަ އެ މަންޒަރު ސިފަވީ ފިލްމެއްގެ މަންޒަރެއް ހެނެވެ.

އެކަމުން ސަލާމަތްވާން ވެހެމުން ދިޔަ ވާރޭ ތެރޭގައި އަންހެން މީހާ އާދޭސް ކުރާ އަޑު އިވެ އެވެ. ހަރުކަށި ގޮތަކަށް "މިއީ ރީތި ގޮތުގައި ނިންމެން އޮތް" ކަމެއް ކަމަށް އަތުހަރު ބުނާ އަޑުވެސް އިވެ އެވެ.

މަގުމައްޗަށް ނިކުމެ, ފުލުހުންގެ ކުރިމަތީގައިވެސް އަތުހަރުގެ އަމަލުތައް ހުރީ ހަމަ އެހެނެވެ. ސައިކަލުގެ ކުރިއަށް އަންހެން މީހާ އަރުވައިގެން އޭނާ ކަރުގައި ވަޅިޖައްސައިގެން މަޖުބޫރުން ސައިކަލު ދުއްވުވާފައި ގެންދަން އަތުހަރު މަސައްކަތް ކުރި އެވެ.

ވައިރަލްވި ވީޑިއޯތަކުން އެކަމެއް ހިނގި ގޮތް ވަރަށް ސާފުކޮށް ފެނެ އެވެ. ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމަތްކުރަން ފުލުހުންނަށް މަޖުބޫރުވީ ފުރާނަ ސަލާމަތްކުރުމުގެ ބާރު ބޭނުން ކުރާށެވެ. މުގުރު ބުރިއަކުން އަތުހަރު ބޮލުގައި ފުލުހުން ޖަހާ މަންޒަރުވެސް ވީޑިއޯތަކުން ފެނެ އެވެ. ޖެހުމާއެކު އޭނާ ބިންމައްޗަށް ވެއްޓެ އެވެ.

އެއަށް ފަހު ހިނގި ކަންތައްތަކަކީ އާއްމުންނާ، ނޫސްވެރިން ސުވާލު އުފެއްދި ކަންކަމެވެ. ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ފަރުވާހޯދަން ދެ ތިން ފަހަރެއްގެ މަތިން އަތުހަރު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަމިއްލައިން ދަންޖެހެންވެސް އޭނާ މަސައްކަތްކުރި އެވެ. އެ ހުރިހާ ކަމެއް ހިނގިއިރު އާއްމުންގެ ހިޔާލު އޮތީ ދެ ކަފިވެފަ އެވެ.

އެއް ބަޔަކަށް ފުލުހުން އަމަލުކުރި ގޮތް ރަނގަޅުވިއިރު އަނެއް ބަޔަކަށް ގޯސްވީ ފުލުހުންނެވެ. އަނިޔާތަކެއް ލިބުނު މީހަކު "ސްޓޭބަލް" ވަންދެން ހޮސްޕިޓަލުގައި ފަރުވާ ނުދިނީ ކީއްވެގެންތޯ އާއި ދަންޖެހެންވެގެން 30 މިނިޓް މަސައްކަތްކުރިއިރު ޖަލު އޮފިސަރުންނަށް އެކަން ރޭކާވެސް ނުލީ ކީއްވެގެންތޯވެސް ސުވާލު އުފައްދަ އެވެ. އަތުހަރުއާ ގުޅޭ ގޮތުން ކަމުގެ ހަގީގަތް ފުލުހުން އޮޅުވާލަން އުޅުނު ކަމަށް އާއިލާއިންވެސް ތުހުމަތަކެއް ކުރެ އެވެ.

ގޮޅީގެ ސީސީޓީވީ ފުޓޭޖުން ފެންނަ މަންޒަރުތައް

ގޮޅީގައި އަތުހަރު ދަންޖެހެން ވެގެން މަސައްކަތްކުރި ކަމަށް އުފައްދާ ސުވާލުތަކުގެ ޖަވާބު ނޫސްވެރިންނަށްވެސް ލިބުނީ ރޭ އެވެ.

އަތުހަރު ބަންދުކޮށްފައި ހުރި ގޮޅީގެ ސީސީޓީވީ ފޫޓޭޖް ނޫސްވެރިންނަށް ދެއްކިއިރު އެރޭ އިރުއޮއްސި 6:29 އިން ފެށިގެން ގޮޅިން އަތުހަރު ސްޓެޗާއަށް އަރުވައިގެން ގެންދިއުމާ ހަމައަށް ކަން ހިނގިގޮތް ނޫސްވެރިން ވަނީ ބަލާފަ އެވެ.

އަތުހަރުގެ ގޮޅީގެ މައި ދޮރުގެ އިތުރުން ދެ ފަޅީގައި ހުރި ދެ ކުޑަ ދޮރުވެސް ހުރީ ދަގަނޑު ތޭރިންނެވެ. އެތަނުން ކުޑަ ދޮރާކާ ދިމާލުގައި ހުރި އެނދު މަތީގައި 6:29 ހާއިރު، ކެމެރާއަށް ފުރަގަސްދީގެން އަތުހަރު އިން މަންޒަރު ފެނެ އެވެ.

އެ ތަނުގައި ކަޅު ކުލައިގެ ސޯޓަކާ ނޫކުލާއިގެ ޓީޝާޓެއް ލައިގެން އިށީންދެލައިގެން ހުރި އަތުހަރު، އޭނާގެ ސޯޓުގެ ނާޑުވާ ނައްޓުމުންދާ މަންޒަރު ވިޑީއޯއިން ފެނެ އެވެ.

އޭގެ މިނެޓެއް ފަހުން 6:30 ގައި އަތުހަރު އެނދުން ތެދުވެ އެވެ. އެނދާ ދުރުގައި ހުރި ކުޑަދޮރު ކައިރީގައި ގޮސް ހުއްޓެ އެވެ. އެ ހުރިހާ ވަގުތެއްގައި އޭނާ ހުރި ސީސީޓީވީ އަށް ފުރަގަސްދީގެންނެވެ.

އޭގެ ފަހުން ކުޑަދޮރުގެ ތޭރިއެއްގައި ސޯޓުގެ ނާޑުވާ އައްސައިގެން މަރުވާން މަސައްކަތް ކުރެ އެވެ. އެއަށްފަހު އަތުހަރު ބިންމަތީގައި އިށީންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އެއީ 6:33 ގަ އެވެ.

އެއްފައި ކުރުކޮށް އަނެއް ފައި ދަމާލާ މަންްޒަރު ފެންނައިރު، ފަޔަށް ބާރުވެގެން އުޅޭ މަންޒަރުވެސް ފެނެ އެވެ. ފެންނަ ފެނުމަށް ނާޑުވާއިން ކަރަށް ވާން ނުވެގެން އުޅޭހެންވެސް ހީވެ އެވެ. އަދި ފުންކޮށް ނޭވާލާ ހެންވެސް ހީވޭ އެވެ.

އަތުހަރުގެ ހަރަކާތް މަޑުވަމުން ދިޔަ މަންޒަރު ވީޑިއޯ އިން ފެންނައިރު، ދެން ފެންނަނީ އެ ގޮޅިއަށް ފުލުހުންގެ ތިން އޮފިސަރަކު ވަންނަ މަންޒަރެވެ. އޮފިސަރުން ގޮޅިއަށް ވަނީ ދަންޖެހުމުގެ މަސައްކަތް ފެށިތާ 33 މިނެޓު ފަހުން، 7:02 ގަ އެވެ.

އެ ތިން އޮފިސަރުން ގޮޅިއަށް ވަދެ އަވަސް ވެގަތީ އަތުހަރުގެ ކަރުގައި އައްސާފައި އޮތް ނާޑުވާ މޮހެލަ އެވެ. އެއަށްފަހު އަތުހަރު ތިރީގައި ބާއްވަ އެވެ. އަދި 7:05 ގައި ސްޓެޗާއަށް ލައިގެން އަތުހަރު ގޮޅިން ނެރެ އެވެ.

ފުލުހުން އާންމުކުރި ޓައިމްލައިންއަށް 7:06 ގައި ޖަލާ ކައިރި އިންނަ ދޫނިދޫ ކްލިނިކަށް އަތުހަރު ގެންގޮސް ޑޮކްޓަރު އޭނާ ބަލާފައިވެ އެވެ. މާލެ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީ 7:25 ގަ އެވެ.

އަތުހަރު މަރުވީ އެ ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ހަވީރެވެ.

ނިއުޓްރަލައިޒް ކުރިގޮތުން ކަންބޮޑުވުން

މައްސަލައިގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް "ދެން އޮންލައިން" އާ ވާހަކަ ދެއްކި ރާއްޖޭގެ މަޝްހޫރު ގާނޫނު ވަކީލަކު ވަނީ އަތުހަރު ކިބައިން އަންހެން މީހާ ސަލާމަތްކުރަން ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފައްދާފަ އެވެ.

"... ޕޮލިހުންނަށް މުގުރި ބޭނުންކުރުމުގެ ޓްރެއިނިންތަކުގައި ކިޔައިދޭން ޖަހަންވީ ތަންތަން. އެންމެ އެފެކްޓިވްކޮށް ނިއުޓްރަލައިޒް ކުރަން" ވަކީލު ވިދާޅުވި އެވެ.

ބޮަލަށް އަނިޔާތަކެއް ލިބުނު މީހަކަށް ލިބެން ޖެހޭ ފަރުވާ ނުނިމެނީސް ޖަލުގެ ގޮޅިއަށް ގެންދިޔުމުން ކަންބޮޑުވުން ފާޅުކުރަމުން އެ ވަކީލު ވިދާޅުވީ އެއީ އެކަން ހިނގައިގެން ވާނެ ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"ހޮސްޕިޓަލުގައިވެސް ބަންދުކޮށްގެންވެސް ގެންގުޅެވޭނެ. ހޮސްޕިޓަލް އެނދުގައި ބޭއްވޭނެ ބިޑި އަޅުވާފައި" ވަކީލު ވިިދާޅުވި އެވެ.

ޖަލުގައި ހިނގައި ދިޔަ ކަންތައްތަކަށް އިޝާރާތް ކުރައްވާ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގުދުރަތީ ކަމެއް ދިމާވެގެން ނޫނީ މީހަކަށް ގެއްލުންވާނެ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ދޭންޖެހޭ ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި ފުލުހުންކުރާ ކަންތައްތަކުގައި ނުބައި ނިޔަތެއް ނެތަސް ގޯސްކޮށް ކަމެއް ކުރެވިދާނެ ކަމަށެވެ. އަދި ކަމެއްގެ ނަތީޖާ ގޯސްކޮށް ނުކުމެދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަޝްހޫރު ގާނޫނު ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވާ ގޮތުގައި ކަމެއް އާންމު އުސޫލުން ހިނގުމާއި ފުލުހުން އެޓެންޑް ކުރި ކަމެއްގައި މީހަކު މަރުވުމާ ވަރަށް ބޮޑު ތަފާތުތަކެއްވެ އެވެ. ޖަމީލުގެ ވެސް ކަންބޮޑުވުމަކީ އެކަމުގައި ފުލުހުން އަމަލުކުރި ގޮތެވެ.

"ކީއްވެބާ ޒަމާނީ ވަސީލަތްތައް އެމީހާ ރެސްޓްރެއިން ކުރުމަށް ފުލުހުން އަތުގައި ނެތީ؟ ނޫނީ ކީއްވެބާ ވަލްނަރަބަލް މީހަކު ރައްކާތެރިކަމާއެކު ނުބެލެހެއްޓުނީ؟" އޭނާ ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ދެކިވަޑައިގަންނަވާ ގޮތުގައި އަތުހަރު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ އެންމެ އެދެވިގެންވާ ގޮތަކަށް ނޫނެވެ. ހަމީދު ވިދާޅުވާ ގޮތުގައި ޓޭޒާ ގަން ބޭނުންކުރިނަމަ އެ ރޭގެ ހާލަތު އެއަށްވުރެވެސް ރަނގަޅަށް ނިއުޓްރަލައިޒްވީހެވެ.

"އާންމުން އުންމީދު ކުރަނީ ފުލުހުންގެ ފަރާތުން ގާބިލުކަމާއި ޕްރޮފެޝަނަލިޒަމް ދެއްކުން" ހަމީދު ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޓޭޒާ ގަން ބޭނުންކޮށްގެން ޖުމްލަ ގޮތެއްގައި ކާމިޔާބުވެފައިވަނީ 40 އިންސައްތަ އެވެ. މިކަން މިހެން އޮތްއިރު އެ ރޭ ޓޭޒާ ގަން ބޭނުންކޮށްގެން އަތުހަރު ސަލާމަތްވުންވެސް ގާތެވެ. އެ ހާލަތުގައި ވެސް އާންމުންނަށް ކުށްވެރިވާނީ ފުލުހުންނެވެ.

އެކްސް ގައި ލަމްއަތު ނަމަކަށް ކިޔާ މީހަކު ކުރި ޕޯސްޓެއްގައި ވަނީ އަތުހަރު އަމިއްލައިން މަރުވާން އުޅުނުއިރު ޖަލު އޮފިސަރުންނަށް އެކަން ރޭކާވެސް ނުލީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ.

"ފުލުހުން އަމަލުކުރީ ރަނގަޅަށް"

އެ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާ ބައްދަލުކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު ފުލުހުން "ތުރެޓް ނިއުޓްރަލައިޒް" ކޮށްފައިވާ ކަމަށެވެ.

"އޭގެ އިތުރުން، ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު "ނިއުޓްރަލައިޒް" ކުރުމުގައި ނިންމި ނިންމުން ރަނގަޅުކަންވެސް ކޮމިޝަނާ ފާހަގަ ކުރެއްވިއެވެ" ޝުޖާއު ހަވާލާދީ ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރެއްގައި ބުންޏެވެ.

ހޯމް މިނިސްޓަރު އިހުސާނުވެސް ވިދާޅުވާ ގޮތުގައި ފުލުހުން އެ އޮޕަރޭޝަން ނިއުޓްރަލައިޒް ކުރީ ރަނގަޅަށެވެ. އެކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ނުދެކެ އެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށް

އަތުހަރު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޓަޝަން (އެންއައިސީ) ގެ އިތުރުން ފުލުހުންގެ އެތެރޭގެ ތަހުގީގެއް ދަނީ ހިންގަމުންނެވެ. އެ ތަހުގީގުތަކުގައި ފުލުހުންގެ އިހުމާލެއް އޮތްތޯވެސް ބަލާނެ އެވެ.

ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށް މީގެ ކުރިން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެފައިވެ އެވެ. ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން އަތުހަރުގެ ހަށިގަނޑުވެސް އާއިލާއާ ހަވާލުކުރާނީ ޕޯސްޓު މޯޓަމަށް ފަހު އެވެ. މިހާރު އެ މަސައްކަތް ވަނީ ފަށާފަ އެވެ.

އަތުހަރުގެ މަރާ ގުޅިގެން އެކި ގޮތް ގޮތަށް ސޯޝަލް މީޑީއާގައި ވާހަކަ ދެކެވެމުންދާއިރު އެ މައްސަލައިގެ ކަން ހިނގާ ދިޔަ ގޮތް އެންމެ ރަނގަޅަށް ތަފްސީލް ގޮތެއްގައި އެނގިގެން ދާނީ ޕޯސްޓްމޯޓަމް ރިޕޯޓާއި ތިން އިދާރާއަކުން ކުރަމުންދާ ތަހުގީގުތައް ނިމުމުންނެވެ.

Ads by Ooredoo
  1. ރޫހު

    ޕޯސްޓްމޯޓަމްގެ ނަތީޖާއަކީ ފުލުހުން ބޭނުންވާގޮތަކަށް ނެރެދޭނެއެއްޗެއް މިހެންބުނުމުގެޖާގަ އެބައޮތް.ހެއްކަކީ ފުލުހުންގެ ބެލުމުގެދަށުގައި ހުއްޓާ މަރުވި ހުސެންޟޮލާޙްގެ ޕޯސްޓްމޯޓަމްގެ ނަތީޖާ.މީ ދިވެހިން ވަރަށް ރަނގަޅައް ދަންނަ ބައެއް.