ޚަބަރު ސަރުކާރު

ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްދެއްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް, ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްދެއްވަނީ / ފޮޓޯ:ރައީސް އޮފީސް

ދިވެހި ގައުމިއްޔަތުގެ އިސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފި އެވެ.

Ads by STELCO

ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްދެއްވާފައި ވަނީ މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިންނެވެ.

ޖަލްސާގައި އިސްވަރާ ގުޅޭގޮތުން ހުށަހެޅި ޕްރެޒެންޓޭޝަނުގައި ބުނީ މިއީ ރައީސް އެކަށައަޅުއްވާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަން ކަމަށެވެ.

އިސްވަރު އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ ދިވެހި ބަހާއި ދިވެހި ތާރީހާއި ދިވެހި ތަރިކަ އާއި ދިވެހި ސުމޭކު އަދި ދިވެހި ފަންނުގެ ދާއިރާ އެވެ. އެއިން ކޮންމެ ދާއިރާއަކަށް އިސް ބޭފުޅުން ވަނީ އައްޔަންކުރައްވާފަ އެވެ.

ދިވެހި ގައުމިއްޔަތުގެ އިސްވަރު ކައުންސިލުގެ އިސްވާރުން:

  • ދިވެހި ބަހުގެ އިސްވާރު - މަރްޔަމް ތައުފީގާ، މ. ޑްރީމީ ލައިޓް
  • ދިވެހި ތާރީހުގެ އިސްވާރު - އަލްއުސްތާޒު ކަށިމާ އަހުމަދު ޝާކިރު، މއ. ކަށިމާ
  • ދިވެހި ތަރިކައިގެ އިސްވާރު - ހަސަން ޒަރީރު، ލޮނުފެން، ސ. މަރަދޫ
  • ދިވެހި ސުމޭކުގެ އިސްވާރު - މުހައްމަދު އަބްދުލްގާދިރު، ގ. ގޯޅިތެރޭގެ
  • ދިވެހި ފަންނުގެ އިސްވާރު - މަރްޔަމް އިޝާ އަޒީޒް، ހ. ހާދި

ދިވެހި ގައުމިއްޔަތު އިސްވަރު ކައުންސިލުގެ ބޭފުޅުންނަށް އިސްވާރުކަން ހަވާލުކޮށްދެއްވާފައި ވަނީ ރައީސް އެވެ.

އިސްވަރުގެ މާނަ އާ ގުޅޭގޮތުން ޖަލްސާގައި ވާހަކަ ދައްކަވަމުން ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ "ވަރު" އަކީ ގައުމީ ދުވަހުގެ ބަތަލު، ރާއްޖެ މިނިވަން ކުރެއްވުމަށްފަހު އުފެއްދެވި ގައުމުގެ ކަންކަން ބެލެހެއްޓުމުގެ ގޮތުން އުފެއްދެވި ގްރޫޕުތަކަށް ކިޔުނު ނަމެއް ކަމަށެވެ. އެގޮތުން ރަދުން ހަ "ވަރެއް" އޭރު އުފެއްދެވި ކަމަށެވެ.

މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ މަސައްކަތުގެ ތެރެއިން ގައުމާ މެދު އިލްމީ ނަޒަރިއްޔާތަކުން ބެލޭނެ ކަމުގަ އެވެ. އަހަރުން އަހަރަށް ރާއްޖޭގައި ހިނގާ ކަންކަން ވަޒަން ކުރެވި، "އެންތޮލަޖައިޒް" ކުރެވޭނެ ކަމުގަ އެވެ.

އެގޮތުން ފާއިތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ވިލަރެސްވެރީން 180 އަށް ވުރެ ގިނަ ގައުމުތަކުގައި، އެ ގައުމުތަކުގެ އަމިއްލަވަންތަކަން ދަމަހައްޓާގޮތުގެ ދިރާސާތައް ހަދާފައިވާ ކަމުގަ އެވެ. އޭގެ އިތުރުން އިލްމީ އަދި ފަންނީ އެކި ދާއިރާތަކުން 800 އަށް ވުރެ ގިނަ ބޭފުޅުންނަށް ދިވެހި ގައުމިއްޔަތުގެ އަސާސީ އަސްލުތައް އިލްމީ ގޮތެއްގައި މިހާރު ފޯރުކޮށްދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މިއަދު ދިވެހި ގައުމިއްޔަތުގެ އިސްވަރު މި ވަނީ އުފެދިފައި. މުސްތަގުބަލުގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު ވާނީ ގާނޫނުން ބާރު ލިބިދޭ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖަކަށް،" ރައީސް ވިދާޅުވި އެވެ.

ވިދާޅުވީ މި ކޮލެޖު ވާނީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖަކަށް ކަަމަށެވެ. އެއީ މެމްބަރުންގެ ވިއުގަތަކެއްގެ މައްޗަށް އެކުލެވިގެންވާ، މެމްބަޝިޕް ކޮލެޖެއް ކަމަށެވެ. ކޮލެޖުގެ މައިގަނޑު ބޭނުމަކީ "ދިވެހިންގެ ތަރިކަ އާއި ސަގާފަތާއި ތާރީހާއި އަމިއްލަވަންތަ އަސްލުތަކަށް އިލްމީ ލެންސްތަކުން މީގެފަހުން އަބަދުވެސް ބަލަމުން، ބަލަހައްޓަމުން ގެންދިއުން،" ކަމަށެވެ. ދިވެހި ގައުމިއްޔަތަކީ ދިވެހިންގެ ދިރިއުޅުމުގެ ބައެއް ކަމުގައި ހެދުން ކަމުގައި އެމަނިކުފާނު ފާހަގަކުރެެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!