ޚަބަރު ސަރުކާރު

މާކަނޑު ހިމާޔަތްކުރުމާ ބެހޭ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ މުއާހަދާގައި ސޮއިކުރުން / ފޮޓޯ:ފޮރިން މިނިސްޓްރީ

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ މުއާހަދާ (ބީބީއެންޖޭ މުއާހަދާ) ގައި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ.

Ads by Sosun Fihaara

އަންގާރަ ދުވަހުގެ މެންދުރު ވަގުތު އ.ދ ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، އ.ދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

އ.ދ ގެ އާންމު މަޖިލިހުން ގާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ ގާނޫނީ މަސްދަރެއް އެކުލަވާލުމަށް ނިންމާފައި ވަނީ 2015 ވަނަ އަހަރުގަ އެވެ. އެ ނިންމުމަށް ފަހު 2016 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އެ ގާނޫނީ މަސްދަރުގައި ހިމެނޭނެ މައުލޫއު އެކުލަވާލުމަށް ފަހު، މުއާހަދާއެއްގެ ސިފައިގައި ފާސްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ މުއާހަދާގައި ރާއްޖެއިން ސޮއިކޮށް، ތަސްދީގުކުރުން މުހިންމު ކަމަށް ނިންމާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލިހުގައި ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ވަނީ ހުށަހަޅާފަ އެވެ. މަޖިލިހުން އެކަމަށް ރުހުން ދީފައި ވަނީ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިމެނޭ އެންމެހާ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަކީ ރާއްޖޭގެ ވަރަށް މަތީ މަސްއޫލިއްޔަތެކެވެ. ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭރުގައި ހިމެނޭ ސަރަހައްދު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރަމުންދާކަން ކަށަވަރުކުރުމަކީ އެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ސޮއިކޮށްފައިވާ މުއާހަދާގައި ބޮޑެތި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިޖުރާއަތު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ކަނޑާ ގުޅޭ ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރުމާ ގުޅޭ ކަންތައްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ހިމެނިފައިވާ ކަމަށެވެ. މި ކަންތައްތަކަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލިބޭ މަންފާތައް ހިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއް ކަމުގައިވާތީ، މި މުއާހަދާގައި ބައިވެރިވުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ފާހަަގަކުރެ އެވެ.

ރާއްޖެއިން ސޮއިކުރުމާ ހަމައަށް ޖުމްލަ 91 ގައުމަކުން މި މުއާހަދާގައި ވަނީ ސޮއިކޮށްފައި އެވެ. އަދި ޖުމްލަ އަށް ގައުމަކުން މުއާހަދާ ތަސްދީގުކޮށްފައިވެ އެވެ. އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ގައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުއާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މުއާހަދާ ތަސްދީގުކުރާތާ 120 ދުވަސް ހަމަވުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!