ޚަބަރު ސަރުކާރު

އިސްކަންދެނީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ކަށަވަރު ކުރުމަށް: ނައިބު ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ނައިބު ރައީސް: އިސްކަންދެނީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ކަށަވަރު ކުރުމަށް ކަމަށް ވިދާޅުވި / ފޮޓޯ:ރައީސް އޮފީސް

މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން، ދިވެހި ގައުމަށް އިސްކަންދިނުން ނުވަތަ "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

Ads by MWSC

ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައި ނައިބު ރައީސް ވިދާޅުވީ ރައީސް އަބަދުވެސް އިސްކަންދެއްވަނީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވެވުމަށް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގަ ނުދެއްވުމަށް ކަމަށެވެ. ވުމާ އެކު ރައީސްގެ މި އަމާޒަށް ވާސިލުވުމަށް އެންމެން އަޒުމު ކަނޑައަޅައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"މިއަދު އަޅުގަނޑުމެން ދިވެހީން އެއްރޫހެއްގައި އަތާއަތްގުޅައި އަޒުމު ކަނޑައަޅަންވީ މި ލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދުމެ ދެމެހެއްޓުމަށް،" ނައިބު ރައީސް ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ބޮޑުތަކުރުފާނު ފަދަ ބަތަލުންގެ ހިންމަތުން އިބުރަތް ހާސިލުކޮށް، މި ގައުމުގެ ހައްގުގައި ޖިހާދުކުރާނެ ހިދުމަތްތެރި ދަރިންތަކެއް ބިނާކުރުމަށް ބާރުއަޅުއްވާފަ އެވެ.

ގައުމީ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ގައުމުގެ ދެކެ ލޯބިވުން އިސްކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި ގައުމަށް ހިދުމަތް ކުރުމުގެ އަގުހުރި ވާޖިބު ތެދުވެރިކަމާ އެކު އަދާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ނައިބު ރައީސް ވަނީ މީސްމީޑިއާގައި ޕޯސްޓެއް ވެސް ހިއްސާކުރައްވާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!