އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަޖީ މިނިސްޓަރު ތޯރިގު އިބްރާހިމް، އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަޝިޕް (އޭޕީއޭޕީ) ރޯޑްމެޕް ފޯ އަދަ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭޝަން މެޝަސް (އޯއީސީއެމް) ތައާރަފުކޮށްދެއްވައިފި އެވެ.
އެ ރޯޑްމެޕް ތައާރަފުކޮށްދެއްވާފައި ވަނީ އިއްޔެ ބޭއްވި ރީޖަނަލް ކޮންސަވޭޝަން ފޯރަމް 2024 އޭޝިއާގެ ތެރެއިންނެވެ. އެއީ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަ (އައިޔޫސީއެން) އާއި އައިޔޫސީއެން މޯލްޑިވްސްގެ އެހީތެރިކަމާ އެކު ބޭއްވުނު ފޯރަމެކެވެ.
އޭޕީއޭޕީ ރޯޑްމެޕްގެ މަގުސަދަކީ އޭޝިއާ ސަރަހައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ބޭނުން ކުރުމާއި ތިމާވެށި ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމެވެ.
އޭގެ އިތުރުން މި ރޯޑްމެޕްގެ ސަބަބުން އޭޝިއާގެ ގައުމުތަކުގެ މެދުގައި ތިމާވެށި ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މި ރޯޑްމެޕްގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމުގަ އެވެ. އަދި އޭޝިއާގެ އެހެން ގައުމުތަކާ އެކު ގުޅުން ބަދަހިވެ، ތަޖުރިބާ ހިއްސާ ކުރުމުގެ ފުރުސަތު ވެސް ތަނަވަސްވެގެންދާނެ ކަމުގަ އެވެ.
ރާއްޖެއިން ވަނީ އޭޕީއޭޕީގެ ބައި-ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން، އާރުއެފްސީ 2024 އޭޝިއާގެ ދަށުން "ސެލެބްރޭޓިން ދަ ޑެކޭޑް އޮފް އެޑްވާންސިން ޕްރޮޓެކްޓެޑް އޭރިއާސް އިން އޭޝިއާ" ގެ ނަމުގައި ބޭއްވި ސައިޑް އިވެންޓްގެ ރިޔާސަތު ވެސް ބަލަހައްޓާފަ އެވެ.
އެ އިވެންޓަކީ އޭޝިއާގެ ސަރަހައްދުގައި ރައްކާތެރި ކުރެވިފައިވާ ސަރަހައްދުތައް ކުރިއެރުވުމަށް ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވުނު ހާއްސަ އިވެންޓެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ރާއްޖެއިން މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓުމުން، ރާއްޖެއިން ތިމާވެށި ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބުމާ އެކު، އޭޝިއާ ސަރަހައްދުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އާރުއެފްސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު މި އިވެންޓުގައި އޭޝިއާގެ އެކި ގައުމުތަކުން ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ސަރުކާރުތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިވެންޓުން ލިބުނު މައުލޫމާތާއި ތަޖުރިބާ ބޭނުންކޮށް، ކުރިއަށް އޮތް ތަނުގައި އޭޝިއާ ސަރަހައްދުގައި ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.