އައްޑޫ ދިގިހެރެ ސަރަހައްދުގައި ޓުއަރިސްޓް ބީޗެއް ތަރައްގީކޮށް ހުޅުވާލަނީ
އައްޑޫ ސިޓީގެ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ހާއްސަކޮށް ފޭދޫ ދިގިހެރެ ސަރަހައްދުގައި ތަރައްގީކުރާ ގޮނޑުދޮށުގެ މަސައްކަތް ނިންމާ ދެ ދުވަހެއްގެ ތެރޭގައި ހުޅުވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އަންގާރަ ދުވަހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސިޓީގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކައުންސިލުން ފޭދޫ ދިގިހެރެ ސަރަަހައްދުގައި ގާއިމުކުރާ "ޓުއަރިސްޓް ބީޗް" ގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.
ދިގިހެރެ ސަރަަހައްދުގައި ތަރައްގީކުރާ ގޮނޑުދޮށުގެ މަސައްކަތާ ގުޅޭގޮތުން "ދެން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ނިޒާރު މިއަދު ވިދާޅުވީ އައްޑޫ ސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކުރެވިފައިވާ ގޮނޑުދޮށެއް ސިޓީގައި ނެތް ކަަމަށެވެ.
އެކަން އެހެންވެފައި އޮތީ އެ ސިޓީގެ ބިން އޮންނަ ގޮތުން ވަކި ސަރަހައްދެއް އެކަމަށް ކަނޑައެޅުމަކީ އުދަނގޫ ކަަމަކަށް ވެފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.
"މިއީ ފޭދޫގައި ހިއްކާފައިވާ ބިމުގެ ފަހަތުގައި، ކުރިން އެތާއިން ކުޑަކުޑަ ރަށެއް ގޮތަށް އޮތް ތަނެއް ހިއްކާފައި މި އޮންނަނީ. ފުދޭވަރަކަށް ނިވާކަން ވެސް ބޮޑުވެފައި، ރަށާ ވަރަށް ބޮޑަށް ވަކިން އޮންނަ ތަންކޮޅެއް،" ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި އެތަން އޮތީ ވެސް ވަރަށް ރީތި ގޮނޑުދޮށެއްގެ ގޮތުގައި ކަމުގަ އެވެ. އެހެންކަމުން އެ ސަރަހައްދު ތަރައްގީ ކުރާނީ އެފަދަ ތަނެއްގައި ހުންނަން ޖެހޭ ބައެއް ކަހަލަ ވަސީލަތްތަކާ އެކުގައި ކަމަށެވެ.
މިހާރު ކުރިއަށް ދަނީ ވެލި ފުރޭނުން ފަދަ މަސައްކަތްތައް ކަމަށާއި އެ މަސައްކަތްތައް މިއަދު ނޫނީ މާދަމާ ނިމޭނެ ކަމަށް ވިދާޅުވި އެވެ. އެއަށްފަހު ދެން ފަށާނީ ކުޑަ އާއި ބެންޗްގެ އިތުރުން ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ތަނަކީ ހިޔާވެސް ބޮޑު ތަނެއް. އެއްގަމާވީ ފަޅިން ފުދޭވަރަކަށް ރުށް ގަސްތައް ވެސް ހުރޭ. ހިޔާ ވެސް އޮންނާނެ އެތާ. މިވަގުތުން ވަގުތައް ކުޑަތައް ނެތަސް ބޭނުން ކުރެވޭނެ. ދެ ދުވަހެއްގެ ތެރޭގައި ބީޗް ބޭނުންކުރަން ފެށޭނެ،" ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ގޮނޑުދޮށް އިތުރަށް ތަރައްގީ ކުުުރުމުގެ ވިސްނުންތަކެއް ކައުންސިލުން ގެންގުޅެމުންދާ ކަމަށެވެ.
އެެހެންކަމުން ބޭނުންވާ ކަންކަން ކުރުމަށް އިއުލާނުކޮށް، ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތްތައް ކުރިއަށް ގެންދާނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.