ޚަބަރު

ފުލުހުން ހުއްޓުވި މީހަކު އެއްލައިލި ސިނގިރޭޓް ފޮއްޓަކުން ޑްރަގު ފެނުމުން އުމުރަށް ޖަލަށް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

ސައިކަލުގެ ލޯގަނޑު ނެތިގެން ފުލުހުން ހުއްޓުވި ސައިކަލެއްގެ ފަހަތުގައި ހުރި މީހަކު އެއްލާލި މަލްބަރޯ ސިނގިރޭޓް ފޮއްޓެއްގައި މަސްތުވާތަކެތި ހުރެގެން އެ މީހާ އުމުރަށް ޖަލަށްލުމަށް މިދިޔަ އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން އެ ހުކުމްކޮށްފައިވަނީ ކ. މާލެ, މއ. ސިޓީވިލާ, ހަސަން ސިފާހުގެ މައްޗަށެވެ.

ހުކުމުގައި ބުނީ ފެބްރުއަރީ 7, 2022 ގެ ރޭ 9:39 ހާއިރު އަމީނީ މަގު ފެން ބިލްޑިން ކައިރިން ދުއްވާފައި ދިޔަ މީހެއްގެ ސައިކަލުގެ ލޯގަނޑު ނެތިގެން ފުލުހުން އެ މީހާ ހުއްޓުވި ކަމަށެވެ.

ސައިކަލު މަޑުކުރުމާއެކު އެ ސައިކަލުގެ ފަހަތުގައި އިން ސިފާހު ފައިބައިގެން ދާން އުޅުމުން އޭނާ މަޑުކުރަން ފުލުހުން އެނގި އެވެ. އެވަގުތު ސިފާހު، އޭނާ އަތުގައި އޮތް މަލްބަރޯ ބްރޭންޑުގެ ސިނގިރޭޓް ފޮށި ބިން މައްޗަށް ވައްޓާލުމަށް ފަހު ދުއްވައިގަތް ކަމަށް ހުކުމުގައި ބުންޏެވެ.

ދުވެފައި ދިޔަ ސިފާހު ޓީވީއެމް ކައިރިން ހުއްޓުވާ ސިނގިރޭޓް ފޮށި އެއްލާލި ތަނަށް ގެންގޮސް ބަލައިފާސް ކުރުމުން އެ ފޮށީގެ ތެރެއިން ޑައިމޯފިން ހުރި 95 ރަބަރު ޕެކެޓް ފުލުހުންނަށް ފެނިފައިވާ ކަމަށް ހުކުމުގައިވެ އެވެ. ފެނުނު ތަކެތީގެ ބަރުދަނުގައި 9.3124 ގްރާމް ހުރި ކަމަށް ވެސް ހުކުމުގައިވެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެތަކެތީގެ ބަރުދަނުގައި 4 ގްރާމަށްވުރެ އިތުރުވެފައިވާތީ އެ މައްސަލާގައި ސިފާހުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކުރި އެވެ. އެހެންނަމަވެސް އެ ދައުވާއަށް އޭނާ އިންކާރުކުރި އެވެ. އަދި އެ ސިނގިރޭޓް ފޮއްޓާއި އޭގެ ތެރޭގައި ހުރި ތަކެއްޗާ އޭނާއާ ގުޅުމެއް ނުވާ ކަމަށް ކޯޓުގައި ސިފާހު ބުނެފައިވެ އެވެ.

އެ ދައުވާގެ އަދަބަކީ އުމުރަށް ޖަލަށްލުމާއި އެއްލައްކަ ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

އެ މައްސަލަ ސާބިތުކުރަން ދައުލަތުން ފަސް ފުލުހެއްގެ ހެކިބަސް ހުށަހެޅި އެވެ. އެހެންނަމަވެސް ދިފާއުން ހެއްކެއް ހުށައެއް ނާޅަ އެވެ.

އަދަބު ލުއިކޮށްދޭން އެެދުނު ނަމަވެސް އުމުރަށް ޖަލަށްލުން ފިޔަވައި އެހެން އަދަބެއް ދިނުމުގެ އިހްތިޔާރެއް ގާޒީއަކަށް ނުލިބެ އެވެ. އެހެންނަމަވެސް އެ ކުށުގައި ހިމެނޭ ޖޫރިމަނާގެ އަދަބު ކުޑަކުރުމުގެ އިހުތިޔާރު ލިބިގެންވާއިރު އެ މައްސަލާގައި ފައިސާގެ މައާމަލާތްތަކެއް ހިންގައިފައިވާ ކަން އެނގެން ނެތުމުން ޖޫރިމަނާގެ އެންމެ ކުޑަ އަދަބެއް ދިނުމަށް ނިންމި އެވެ.

އެ މައްސަލާގައި ސިފާހު އުމުރަށް ޖަލަށް ލުމަށާއި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ނިންމާ, މައްސަލަ ބެލި ގާޒީ އަލީ ނަދީމް ހުކުމްކުރި އެވެ.

އުމުރަށް ޖަލަށްލުމަކީ 25 އަހަރަށްވާއިރު ސިފާހު ބަންދުގައި ހޭދަކުރި 30 ދުވަސް ޖަލު އަދަބުން އުނިކޮށް, އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 24 އަހަރާއި 11 މަސް ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި ޖޫރިމަނާގެ ފައިސާ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި މީރާއަށް ދައްކަން ހުކުމް ކޮށްފައިވެ އެވެ.

Ads by HDC
  1. ސެއްޅި

    95 ރަބަރު ޕެކެޓް…….ޢުމުރަށް ޖަލަށް……100 ކިލޯ ގެނައިމާ ދޫކޮށްލީ.

  2. ޢަލީ

    ތިޔަ ޑްރަގެއް ގޭންގެއް މިމީހުނަކަށް ނުހުއްޓުވޭނެ…ގަބޫލު ކުރިޔަސް ނުކުރިޔަސް ޙައްލަކީ…….ޢުމަރު.

  3. އަމީން

    ވަރަށް ފުރިހަމަ ލިޔުމެއް. އަޅުގަނޑުގެ ތަރުޙީބު.