ޚަބަރު

34,680 މީހަކު ބަރަހަނާ މަންޒަރުތައް ގަންނަން ދެ މިލިޔަން ހޭދަކުރި, ފިޔަވަޅު އަޅަން ގޮވާލަނީ

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދިޔަ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކާ 500 އަށްވުރެ ގިނަ ޓެލެގްރާމް ޗެނަލުތަކުން، 34،680 މީހަކު އެ މަންޒަރުތައް ގަނެފައިވާ ކަމަށާއި، އެ ވިއްކި މީހުން އާމްދަނީގެ ގޮތުގައި ދެ މިލިޔަނެއްހާ ރުފިޔާ ނަހަމަ ގޮތުގައި ހޯދާފައިވާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

Ads by MWSC

ސައިބަ ކްރައިމް ސެންޓަރުން ހިންގި އެ އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާ ކަމަށެވެ. އެ ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ 241،651 ފޮޓޯ އާއި 86،618 ވީޑިއޯ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ސީޒް ކުރި ޗެނަލްތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓު ކުރުމަށް 43 ޗެނަލް ހިންގާފައިވާ ކަމަށެވެ.

ހައްޔަރުކުރި ތިން މީހުންގެ ޓެލެގްރާމް 9 އެކައުންޓެއް ވެސް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެ އެވެ.

އެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ:

  • އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު އަލީ (45އ)
  • ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ)
  • ކ. ކާށިދޫ، ސިލިންކޯ، އިސްމާއީލް ރަބީހް (29އ)

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުންހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ޓެލެގްރާމް ޗެނަލުން ފޮޓޯތަކާއި ވީޑިއޯތައް ގަތް މީހުންނަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުންދަނީ ހިޔާލު ފާޅުކުރަމުންނެވެ.

އެ ހަބަރު އެކްސްގައި ހިއްސާ ކުރި މީހަކު ބުނީ ފޮޓޯ ގަތް މީހުންގެ ވަނަވަރު ވެސް ހާމަކުރަން ޖެހޭ ކަމަށެވެ.

އިތުރު މީހަކު ބުނީ ފޮޓޯ ގަތް މީހުން ދެނެގަނެ, އެ މީހުންނަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި އެއީ ޖަލު އަދަބު ލިބެން ޖެހޭ ބައެއް ކަމަށްވެސް ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!