ޚަބަރު

ބީއެމްއެލްގެ ސީއީއޯ އިސްތިއުފާދެއްވައިފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ބީއެމްއެލްގެ ސީއީއޯ ކާލް

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ސީއީއޯގެ މަގާމުން ކާލް ސްޓުމްކަ އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

Ads by STELCO

ބީއެމްއެލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކާލް، ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނަވާނީ މި މަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭންކުގެ ހާއްސަ އާންމު ޖަލްސާ (އީޖީއެމް) އާ ހަމައަށް ކަމަށެވެ.

ބީއެމްއެލުން ބުނީ ސީއީއޯގެ މަގާމަށް މީހަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ބޭންކު ހިންގުމުގެ ޒިންމާ އަދާކުރާނީ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރުއްދީން ކަމަށެވެ.

އެ ބޭންކުން ބުނީ ޑިރެކްޓަރުންގެ ބޯޑުން ސީއީއޯގެ މަގާމަށް މީހަކު އައްޔަންކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ސައުތު އެފްރިކާ އަށް ނިސްބަތްވެވަޑައިގަންނަވާ ކާލް ބީއެމްއެލްގެ ސީއީއޯ އަކަށް އައްޔަންކުރެއްްވީ 2022 ވަނަ އަހަރު އެވެ. ބީއެމްއެލްގެ ސީއީއޯކަށް ހަމަޖެއްސުމުގެ ކުރިން އޭނާ އަދާކުރެއްވީ ކުވެއިތުގެ އަލް-އަހްލި ބޭންކުގެ ސީއީއޯގެ މަގާމެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމުން ކާލް އިސްތިއުފާދެއްވާފައި މިވަނީ ބޭންކުގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އިދިކޮޅު މައި ޕާޓީ އެމްޑީޕީއާ ގުޅިގެން މާލީ ބަގާވާތެއް ކުރަން އުޅުނުކަމުގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ.

އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށާފަ އެވެ. އެކަމަކު އެކަމާއި ގުޅޭ ގޮތުން ކާލްގެ ބަޔާން ނަގާފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ސަރުކާރުން އިރުޝާދު ދިން ގޮތާއި ހިލާފަށް ކާޑު ލިމިޓްތަކަށް ބަދަލު ގެނައިކަމަށް ބުނެ ކާލްގެ އިސްތިއުފާ އަށް ސަރުކާރުގެ އިސް ބޭފުޅުން ގޮވާލާފައިވެ އެވެ.

މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ބުނާ ވާހަކަ އެމްޑީޕީން ދޮގު ކުރެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!