ޚަބަރު ސަރުކާރު

އިނޮވޭޝަން ހަބުތަކާއި ޓެކްނޮލޮޖީ ޕާކްތައް ހަދަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިނޮވޭޝަން ހަބުތަކާއި ޓެކްނޮލޮޖީ ޕާކުތައް ގާއިމުކުރުމަށް ނެޝަނަލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

Ads by Sosun Fihaara

"ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް-ޑްރައިވެން ފިއުޗާ ފޯ މޯލްޑިވްސް" ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑު ރާއްޖެއަށް މިއަދު ޑިޖިޓަލައިޒޭޝަންގެ މުހިއްމުކަން ބޮޑުވެފައިވާ ކަމަށެވެ.

ރައީސް ސިފަކުރެއްވި ގޮތުގައި ޑިިޖިޓަލައިޒޭޝަން އަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބާރުގަދަ ވަސީލަތެކެވެ.

"ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ރަނގަޅު އަދި ރައްކާތެރި މުސްތަގުބަލެއް ހެދުމަށް އެހީތެރިވެދޭ. ގުދުރަތީ ކާރިސާތަކާ މެދު އިންޒާރު ދީ، ފެނާއި ހަކަތަ ފަދަ ވަސީލަތްތައް ސަލާމަތްކުރުމަށް އެހީތެރިވެދޭ" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ސިއްހީ ހިދުމަތާ، ތައުލީމާ، ސަރުކާރުގެ ހިދުމަތްތައް ރިމޯޓް އެކްސެސް މެދުވެރިކޮށް ފޯރުކޮށްދޭން ފެށުން ވެގެންދާނީ ހިދުމަތުގެ ފަރަގުތައް ނައްތާލުމަށް އެހީތެރިވެދޭނެ ކަމެއް ގޮތުގައި ކަމަށެވެ. އަދި އޮންލައިން ޝޮޕިން، ޑިޖިޓަލް ޕޭމަންޓް އަދި އާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ އިގްތިސާދު ކުރިއެރުވުމަށްވެސް ޑިޖިޓަލައިޒޭޝަން އެހީތެރިވެދޭނެ ކަމަށް ރައީސް ދެކިވަޑައިގަންނަވަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ކޮރަޕްޝަން މަދުކޮށް، ހިދުމަތްތައް ފަސޭހަކޮށްދީ، ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ. ރަނގަޅު ޑިޖިޓަލް ސިސްޓަމްތަކާއެކު އިންވެސްޓަރުންގެ އިތުރުން މުޅި މުޖުތަމައަށް އެކަމުގެ ރަނގަޅު އަސަރުކުރާނެ ކަމަށް އިނގިރޭސި ބަހުން ދެއްވި ސްޕީޗުގައި ރައީސް ވިދާޅުވި އެވެ.

ނަމަވެސް ޑިޖިޓަލީ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި ސައިބާ ސެކިއުރިޓީ، ޑޭޓާ ޕްރައިވެސީ، ދޮގު މައުލޫމާތު އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބިފައިވާ މީހުންނާއި ނުލިބޭ މީހުންގެ ފަރަގު ފަދަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ޑިޖިޓަލް ވަސީލަތްތަކުގެ ފައިދާ އެންމެންނަށް ވެސް އިންސާފުވެރިކަމާއެކު ލިބޭނެ ގޮތަށް އެ މައްސަލަތައް ހައްލުކުރުމަށް އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭ އޮތީ ތައްޔާރަށް ކަމަށް  ރައީސް ވިދާޅުވި އެވެ.

ޑިޖިޓަލައިޒޭޝަނަކީ ހަމައެކަނި ވަސީލަތެއް ނޫން، މިއީ ރަނގަޅު އަދި ދެމެހެއްޓެނިވި މުސްތަގުބަލެއްގެ ތަޅުދަނޑި. އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އޮތަސް، އަޅުގަނޑުމެންނަށް ފުލް ޓެލެފޯން ކަވަރޭޖް ލިބޭ. އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ހިދުމަތާއި، ތައުލީމާއި، ބޯހިޔާވަހިކަމާއި، އިޖްތިމާއީ ވެލްފެއާ ފަދަ މުހިންމު ހިދުމަތްތައް ތަފާތު ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހުރިހާ ދިވެހިންނަށް ލިބޭ

އޭގެ އިތުރުން 5ޖީ ފަދަ އާ ޓެކްނޮލޮޖީތައް ހޯދުމާއި، ޑްރޯން ބޭނުންކޮށްގެން މެޑިކަލް ސާމާނު ފޯރުކޮށްދިނުމާއި، ސްމާޓް ރޯޑް ސިސްޓަމްތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތަކަށް ބަލާއިރު މި ފަދަ ޑިިޖިޓަލް ޒަމާނެއް ހެޔޮވެރިކަމުގެ މުހިއްމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިމާވާ އެންމެ ބޮޑު އެއް ދަތިކަމަކީ އެކަށީގެންވާ ވަރަށް ކެޕިޓަލް ނެތުން ކަމަށެވެ.

އެކަމަށް ހައްލެއް ހޯދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޑިޖިޓަލް އިނޮވޭޝަން، ސަސްޓެއިނަބިލިޓީ އަދި އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިނޮވޭޝަން ސެންޓަރުތަކާއި ޓެކްނޮލޮޖީ ޕާކްތައް އެޅުމަށް ނެޝަނަލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން. އަޅުގަނޑުމެންގެ ޑިޖިޓަލް ކުރިއެރުމަށް އެހީތެރިވުމުގެ ގޮތުން، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ފުޅާކޮށް، ސަލާމަތީ ކަންކަމުގައި ހައްލު ހޯދުމަށް ނޭޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީއެއް އުފައްދަމުން މިގެންދަނީ.

ސްޕީޗް ނިންމަވާލައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް، ރައްޔިތުން ދެކޭ ހުވަފެންތައް ވަރަށް ބޮޑު ކަަމަށެވެ.

ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުމާއި، ރައްޔިތުންގެ ހަރުދަނާ އަޒުމަކާއެކު، އެ ތަސައްވުރު ހަގީގަތަކަށް ހަދައިދޭނެ ކަމަށާއި އަމާޒަކީ ހަމައެކަނި ޑިޖިޓަލްކޮށް ގުޅާލުމެއް ނޫން ކަމަށާއި ކޮންމެ ދިވެއްސެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުން ކަމަށް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!