ތިން މީހުން އަރުވައިގެން ސައިކަލެއް ދުއްވި މީހަކު ހައްޔަރުކޮށްފި

އއ. އުކުޅުހު ބަނދަރު ސަރަހައްދުގައި ސައިކަލަކަށް 3 މީހުން އަރުވައިގެން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އާދިއްތަ ދުވަހު އުކުޅަސް ބަނދަރު ސަރަހައްދުގައި އިތުރު 3 މީހަކު އަރުވައިގެން ބާރު ސްޕިޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ދިޔަ ސައިކަލެއް ތިބި މީހުން މަޑުކުރަން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހަޑިހުތުރު ބަހުން ހަޅޭއްލަވައި އަޑުގަދަކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދުގެ އާންމު މަސްލަހަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސައިކަލު މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އއ. އުކުޅަސް / ޑޭޒީމާގެ، އަހުމަދު ނަސީމު (29އ) އެވެ.
އެ މީހާ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާއިރު. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.







ކޮމެންޓް