ޚަބަރު

ތިލަމާލެ ބްރިޖު މަޝްރޫއުގެ މަޝްވަރާތަަކަށް މިނިސްޓަރު އިންޑިއާ ގައި

އަލީ ސަމާޙް ، ދެން އޮންލައިން

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ހަދާ ތިލަމާލެ ބްރިޖާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބާ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރުއާ ދެ ބޭފުޅުން އިންޑިއާގެ މުމްބާއީގައި މަޝްވަރާ ކުރައްވައިފި އެވެ.

Ads by Sosun Fihaara

ކޮންސްޓްރަކްޝަން މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މަޝްވަރާތައް ބާއްވާފައިވަނީ އިންޑިއާ ސަފީރު ކޯ ޗެއާ ކުރައްވާ ބްރިޖުގެ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީގެ 12 ވަނަ ސެޝަންގައި ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ސެޝަންގެ މަގްސަދަކީ، މިނިސްޓްރީ އާއި އެހެނިހެން ފަރާތްތަކުގެ ބައިވެރިވުމާއި އެކު އެ މަޝްރޫއުގެ މަސައްކަތް ޓައިމްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

އެ ސެޝަން ގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތާއާމް މުހައްމަދާއި، ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދާއި، މިނިސްޓްރީގެ ޓެކްނިކަލް ޓީމްގެ އިތުރުން، ފިނޭންސް މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސްވެރިންނާއި އިންޑިއާގެ އެގްޒިމް ބޭންކާއި ކޮންޓްރެކްޓަރާއި ކޮންސަލްޓަންޓުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތިލަމާލެ ބްރިޖުގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެ މަޝްރޫއުގެ 43.59 އިންސައްތަ ވަނީ ނިމިފަ އެވެ. އެ މަޝްރޫއުގައި މާލެއިން ގުޅީފަޅަށް އަޅާ ބްރިޖުގެ މަސައްކަތް ނިމޭ ތާރީހަކީ 31 މާޗް 2026 އެވެ. ގުޅީފަޅުން ތިލަފުއްޓަށް އެ މަސައްކަތް ނިމޭނެ ތާރީހަކީ 30 ސެޕްޓެމްބަރ 2026 އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!